ކޮމިޝަނަރ

 

 

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ހިދުމަތާއި ގުޅިވަޑައިގަތީ 08 އޭޕްރިލް 1995 ގައެވެ. އޭރު ފުލުހުންގެ ހިދުމަތް ދެމުން ގެންދިޔައީ ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޔުނިޓަކުން ސިފައިން ދެމުންގެންދިޔަ ހިދުމަތެއްގެ ގޮތުގައެވެ. 2004 ވަނަ އަހަރު އަސްކަރިއްޔާއިން ވަކިވެ މަދަނީ ޚިދުމަތެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އުފެދުނު އިރު ކޮމިޝަނަރ ޙަމީދު ހުންނެވީ ސްޓޭޝަން އިންސްޕެކްޓަރެއްގެ ރޭންކްގައެވެ. އަސްކަރިއްޔާ އިން ވަކިވެ މަދަނީ ހިދުމަތަކަށް ދިވެހި ފުލުހުންގެ ހިދުމަތް ބަދަލުކުރުމުގައި ވަރަށް އިސް ދައުރެއް ކޮމިޝަނަރ ޙަމީދު އަދާކުރެއްވިއެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޭންކްތަކުގެ ތެރެއިން ކަމިޝަންޑް ރޭންކަކަށް ކޮމިޝަނަރ ޙަމީދު އިސްކުރެވުނީ 2007 ވަނަ އަހަރުގެ ޖެނުއަރީ 4 ވަނަ ދުވަހުއެވެ. އެއަށްފަހު ފުލުހުންގެ ތަމްރީނުތައް ހިންގެވުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައާއި އިންޓެލިޖެންސް ޑިޕާޓްމަންޓުގެ ވެރިޔާގެ މަގާމުގެ އިތުރުން ތަޙްޤީޤް ކުރުމުގެ ދާއިރާގައި އިސްކޮށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.


ތައުލީމާއި ތަމްރީނުގެ ރޮނގުން ކޮމިޝަނަރ ޙަމީދު ވަނީ 2009 ވަނަ އަހަރު އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވަރސިޓީގައި މާސްޓަރ އޮފް އާރޓްސް އިން ޕޮލިސިން، އިންޓެލިޖެންސް އަދި ކައުންޓަރ ޓެރަރިޒަމް ފުރިހަމަކުރައްވާފައެވެ. އަދި 2004 ވަނަ އަހަރު އިންޑިޔާގެ ސަރްދާރު ވައްލަބާއި ޕަޓޭލް ނޭޝަނަލް ޕޮލިސް އެކެޑެމީ ގައި އައި.ޕީ.އެސް. ފުރިހަމަ ކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް ތަފާތު ގައުމުތަކުން ފުލުހުންގެ އެކި ދާއިރާތަކާއި ގުޅުން ހުރި ތަފާތު ޕްރޮގްރާމްތައް ފުރިހަމަ ކުރައްވާފައިވެއެވެ.


ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގެ އިތުރުން ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސްގެ އެންމެ އިސް ފަރާތަކީވެސް ކޮމިޝަނަރ ޙަމީދެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެ މަގާމަށް އައްޔަން ކުރެއްވީ 26 މާރިޗް 2019 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙެވެ.