މަކަރާ ހީލަތް ހެދުން

މަކަރާ ހީލަތް ހެދުން

 

މަކަރާއި ހީލަތް ހެދުމަކީ ކޮބާ؟

ވަކި ކަމެއް ކޮށްދޭނޭ ކަމަށް ބުނެ އެކަމުގެ އަގެއްގެ ގޮތުގައި ފައިސާ ނުވަތަ މުދާ ނުވަތަ ހިދުމަތެއް ހޯދުމަށްފަހު ކޮށްދޭން ބުނި ކަން ނުކޮށްދިނުމަކީ މަކަރާއި ހީލަތް ހެދުމެވެ.

 

މިފަދަ މައްސަލަތަކުގައި ފުލުހުން ކޮށްދޭނީ ކޮން ކަމެއް؟

މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކުގައި ފުލުހުންނަށް އަދާ ކުރެވޭނެ ދައުރު ކަނޑައެޅޭނީ އެމައްސަލައެއްގެ ޒާތަށާއި ކަން ހިނގާފައިވާ ގޮތަށް ބެލުމަށް ފަހުގައެވެ. ދުރާލާ ރާވައިގެން އޮޅުވާލުމާއި މަކަރު ހެދުމުގެ ނިޔަތުގައި މީހަކަށް ދޮގު މައުލޫމާތު ދީގެން އެނާގެ އަތުން ފައިސާ, ތަކެތި ނުވަތަ ހިދުމަތެއް ހޯދައިފިނަމަ އެމައްސަލައެއް އަޅުގަނޑުމެން ތަހްގީގު ކޮށްދޭނަމެވެ.

 

މަކަރާއި ހީލަތް ހެދުމުގެ ބާވަތްތައް

ތިރީގައި މިވަނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކުގެ ބައެއް ބާވަތްތަކެވެ.

- އޮޅުވާލައިގެން ފައިސާ ހޯދުން

- ލިޔެކިޔުމަށް ބަދަލު ގެނައުން

- ހިދުމަތެއް ދޭނެ ކަމަށްބުނެ ފައިސާ އަތުލުން

- ޝަހްސު އޮޅުވާލުން

 

ފަހުން ދޭނެކަމަށް ބުނެ ފައިސާއަތުލުމަށްފަހު އަނބުރާ ނުދިނުން

މިއީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމާއި ހިލާފުވުމުގެ މައްސަލަތަކެކެވެ. މިފަދަ މައްސަލަތަކުގައި ޖިނާއީ ކުށެއް އެކުލެވޭ ތޯ ބެލުމަށްފަހު އެފަދަ ކުށެއް ނުހިމެނޭނަމަ ހައްލު ހޯއްދެވޭނީ އަމިއްލައަށް ޝަރީއަތަށް ހުށަހަޅައިގެންނެވެ.

 

އޮޅިގެން އެހެން މީހެއްގެ އެކައުންޓަކަށް ޖަމާކުރެވޭ ފައިސާ

ވަކި މީހެއްގެ އެކައުންޓަށް ފައިސާ ޖަމާ ކުރުމުގެ ތެރޭގައި އޮޅިގެން ނުވަތަ ރަނގަޅުނޫން އެކައުންޓް ނަމްބަރެއް ޖެހިގެން އެހެން އެކައުންޓްތަކަށް ޖަމާ ކުރެވޭ ފައިސާގެ މައްސަލަތައް ވަރަށް ގިނައިން ފުލުހުންނަށް ހުށަހެޅެއެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ ލަސް ނުކުރައްވާ ބޭންކަށް ގުޅުއްވާށެވެ. އަދި ބޭންކުގެ އިރުޝާދާއި އެއްގޮތަށް ކުރިއަށް ގެންދަވާށެވެ.

 

ފޯނު ކޮށްގެން ފައިސާ އަތުލުން

މިއީ ވަރަށް އާއްމުވެފައިވާ މައްސަލައެކެވެ. ކާކު ކަން ނޭނގޭ ނަމްބަރުތަކުން ގުޅައިގެން އެކިކަހަލަ ޕްރޮމޯޝަންތަކާއި ނަސީބު ނަމްބަރުތައް ނުވަތަ ބޭންކަކުން ކަމަށް ބުނެ ކާޑުގެ ނަމްބަރު ހޯދައިގެން ނުވަތަ އެކައުންޓަކަށް ފައިސާ ޖަމާ ކުރުވައިގެން ފައިސާ އަތުލުމަކީ މިފަދަ ކުށްތައް ހިންގާގޮތެވެ. މިފަދަ ކުށުގެ އަމަލަކުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން ތިރީގައި އެވަނީއެވެ.

- އެއްވެސް ފަރާތަކަށް ކޭޝް ނުވަތަ ކްރެޑީޓް ކާޑުގެ ނަމްބަރު ނުދިނުން

- ތިމާއާއި ސީދާ ގުޅުމެއް ނެތް ނުވަތަ ތިމާ ބައިވެރި ނުވާ މުބާރާތްތަކާއި ނަސީބު ނަމްބަރު ނެގުން ކަމަށް ބުނެ ގުޅާ ފަރާތްތަކާއި ވާހަކަ ނުދެއްކުން

- ބޭންކަކުން ގުޅާފައި އެއްވެސް ފަރާތެއްގެ ކާޑު ނަމްބަރު ނުވަތަ އެކައުންޓް ނަމްބަރު ނުހޯދާނެކަން ވިސްނުން

- ފޯނަށް އަންނަ އެސްއެމްއެސް ކޯޑް ނުވަތަ އޯޓީޕީ އެއްވެސް ފަރާތަކާއި ހިއްސާ ނުކުރުން

 

ނޯޓު: އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން މިފަދަ ކުށްތަކުގެ ޝިކާރައަކަށްވުމުގެ ފުރުސަތު ބޮޑުކަމުން އާއިލާގައި ތިބޭ މިފަދަ ފަރާތްތަށް މިކަންކަމަށް ތަކުރާރުކޮށް ހޭލުންތެރި ކުރުވުމަކީ މުހިންމުކަމެކެވެ.

 

މައްސަލަ ހުށަހެޅުމަށް ބޭނުންވާނީ ކޮން ތަކެއްޗެއް؟

މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއް ހުށަހެޅުމަށް ބޭނުންވާނެ ބައެއް ކަންކަމާއި ތަކެތި ތިރީގައި އެވަނީއެވެ.

- ހުށަހަޅާ ފަރާތުގެ ބަޔާން

- ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުއާމަލާތްތައް

- ކުރެވިފައިވާ ފައިސާގެ މުއާމަލާތްތަކުގެ ލިޔެކިޔުން

- ހެކިން