ގެވެށި އަނިޔާ

ގެވެށި އަނިޔާ

 

ތިރީގައިވާ އެއްވެސް ސުވާލެއްގެ ޖަވާބަކީ އާނއެކޭ ނަމަ 119 އަށް ވަގުތުން ގުޅުއްވާށެވެ. އަޅުގަނޑުމެން އެހީތެރި ވާނަމެވެ.

 

- އެއްވެސް ބާވަތެއްގެ އަނިޔާއެއް މިވަގުތު ލިބެނީތޯ؟

- އަނިޔާކޮށްފާނެ ކަމުގެ ބިރު ހީވަނީތޯ؟

- އަނިޔާ ކުރި މީހަކު ނުވަތަ ކޮށްފާނެ ކަމަށް ބެލެވޭ މީހަކު ކައިރީގައި އެބަހުރިތޯ؟

- އަނިޔާގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވޭތޯ؟

 

ގެވެށި އަނިޔާ އަކީ ކޮބާ؟

ގެވެށި ގުޅުމަކުން ގުޅިފައިވާ މީހެއްގެ ފަރާތުން ލިބޭ ކޮންމެ އަނިޔާ އަކީ ގެވެށި އަނިޔާއެވެ. ގެވެށި އަނިޔާ އަކީ ޖިސްމާނީ އަނިޔާއަކަށް ވާކަށް ނުޖެހެއެވެ. ތިރީގައިވާ ބާވަތްތަކުން ކޮންމެ ބާވަތެއްގެ އަމަލަކީވެސް ގެވެށި އަނިޔާގެ ގޮތުގައި ބެލެވޭނެ އަމަލުތަކެކެވެ.

 

- ޖިސްމާނީ އަނިޔާ

- ނަފްސާނީ އަނިޔާ

- މުދަލަށް ގެއްލުން ދިނުން

- ޖިންސީ ފުރައްސާރަކުރުން

- ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުން

- އަނގަބަހުން ފުރައްސާރަ ކުރުން

- މާލީގޮތުން ދަތިކުރުން

- ފުރައްސާރަކުރުން ނުވަތަ ޖެއްސުންކުރުން

- މިފަދަ އެއްވެސް ކަމެއް ކުރާނެކަމަށް ބުނެ ބިރުދެއްކުން ނުވަތަ އިންޒާރު ދިނުން

 

ގެވެށި ގުޅުމަކުން ގުޅުމަކީ ކޮބާ؟

ދިވެހި ރާއްޖޭގައި ގެވެށި ގުޅުމެއް ކަމަށް ގާނޫނީ ގޮތުން ބަލަނީ ތިރީގައިވާ ގުޅުންތަކަށެވެ.

 

- އާއިލީ ގުޅުމަކުން ގުޅިފައިވުން

- ކައިވެނީގެ ގޮތުން ގުޅިފައިވުން ނުވަތަ ކުރިން އެފަދަ ގުޅުމަކުން ގުޅިފައިވުން

- ލޯބީގެ ގޮތުން ގުޅިގެން އުޅުން ނުވަތަ ކުރިން އެފަދަ ގުޅުމެއް އޮތުން

 

ގެވެށި އަނިޔާގެ މައްސަލައެއް ހުށަހަޅާނީ ކިހިނެތް؟

އަޅުގަނޑުމެންގެ ތިރީގައިވާ ނަމްބަރުތަކަށް ގުޅުއްވައިގެން 24/7 ގައި ގެވެށި އަނިޔާގެ މައްސަލަ ހުށަހެޅުއްވޭނެއެވެ.

 

އިމަރޖެންސީ 119

އާއްމު ނުވަތަ ނޮން އިމަރޖެންސީ 2111 332

 

މި ދެ ނަމްބަރުގެ އިތުރުން އަޅުގަނޑުމެންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ތިރީގައިވާ ނަމްބަރުތަކަށްވެސް މައްސަލަ ހުށަހެޅުއްވޭނެއެވެ.

 

ފުލުހުންގެ އިތުރުން ތިރީގައި ފަރާތްތަކަށްވެސް ގެވެށި އަނިޔާގެ މައްސަލަތައް ހުށަހެޅުއްވޭނެއެވެ.

 

0600 300

0163 979

 

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް 8393 332

ކުޑަކުދިންގެ ހެލްޕްލައިން 1412

 

ގެވެށި އަނިޔާގެ މައްސަލައެއް ހުށަހެޅުމުން ވާނީ ކިހިނެތް؟

ގެވެށި އަނިޔާގެ މައްސަލަތަކަކީ އަޅުގަނޑުމެން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެކެވެ. ގެވެށި އަނިޔާގެ އަމަލެއް ހިނގަމުންދާނަމަ ނުވަތަ ކައިރި މާޒީއެއްގައި އެފަދަ އަމަލެއް ހިނގާފައިވާކަމަށް ފުލުހުންނަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ އެތަނަކީ ކުށުގެ ވެއްޓެއްގެ ގޮތުގައި ބަލައި އެތަނަކަށް ވަނުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. އަދި ހިނގާފައިވާ ހާދިސާގެ މައްޗަށް ބެލުމަށްފަހު އެއަމަލު ތަހްގީގު ކުރުމަށް ބޭނުންވާ ހެކި އެއްކޮށް ނެގުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

 

ގެވެށި އަނިޔާގެ މައްސަލަތައް ތަހްގީގު ކުރުމުގައި އަނިޔާ ލިބުނު ފަރާތުން އެއްބާރުލުން ދިނުމަކީ ތަހްގީގު ކާމިޔާބު ކުރުމަށް ވަރަށް މުހިންމުކަމެކެވެ. މިގޮތުން ގެވެށި އަނިޔާގެ އަމަލުތައް ހިންގާފައިވާ ގޮތުގެ މައްޗަށް ތަފްސީލް ބަޔާނެއް އަނިޔާ ލިބުނު ފަރާތުން ދޭންވާނެއެވެ.

 

އަނިޔާ ލިބުނު ފަރާތުން ފުލުހުން ސާފު ކުރަން ބޭނުންވާނެ ބައެއް މައުލޫމާތު

- ހާދިސާގެ ތަފްސީލް

- ކުރިން ހިނގާފައިވާ ކަންކަމުގެ މައުލޫމާތު

- ދެފަރާތުގެ ދެމެދުގައިވާ ގުޅުމުގެ މައުލޫމާތު

 

ހުށަހަޅާ ފަރާތުގެ ބަޔާނުގެ އިތުރުން ތިރީގައިވާ ތަކެއްޗާއި ކަންކަމަކީ ހާދިސާއާއި ގުޅުން ހުރި މިންވަރަކުން ތަހްގީގު ފުރިހަމަކުރުމަށް ބޭނުނުްވާނެ ބައެއް ިއތުރު ތަކެތި ނުވަތަ ކަންކަމެވެ.

 

- މެޑިކޯ ލީގަލް ރެކޯޑްސް

- އަނިޔާގެ ފޮޓޯ

- ފޮރެންސިކް ތަހްލީލުތަކަށް ބޭނުންވާނެ ސާމްޕަލް

- މުދަލަށް ލިބުނު ގެއްލުމުގެ ތަފްސީލާއި ފޮޓޯ

- މާލީ ލިޔެކިޔުން

- ހެކިންގެ ހެކިބަސް

 

އަނިޔާ ލިބުނު ފަރާތަށް ލިބޭނީ ކޮން ކަހަލަ ރައްކާތެރިކަމެއް؟

 ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ ފަރާތްތަކަކީ ވަރަށް ގިނަ ފަހަރު އަނިޔާ ކުރާ ފަރާތާއި އެކު ދިރި އުޅޭ ނުވަތަ އަނިޔާ ކުރާ ފަރާތުގެ ބެލުމުގެ ދަށުގައި ދިރިއުޅުން ޖެހިފައިވާ ބައެކެވެ. ގެވެށި އަނިޔާ ރިޕޯޓް ކުރުމަށް އަނިޔާ ލިބޭ ފަރާތްތަކުން އެންމެ ބޮޑަށް ފަސް ޖެހޭ އެއް ސަބަބަކީވެސް މިއީއެވެ.

 

 އަނިޔާ ކުރި ފަރާތުން ތަކުރާރުކޮށް އަނިޔާ ލިބިދާނެކަމުގެ ބިރު ހީވާނަމަ ނުވަތަ އެފަރާތުގެ ބެލުމުގެ ދަށުން އުޅެން ބޭނުންނުވާނަމަ އަނިޔާ ލިބުނު ފަރާތުން އެދޭ ތަނެއްގައި އޭނާއަށް އުޅެވޭނެގޮތް ހަމަޖައްސައިދެވޭނެއެވެ. އަނިޔާ ލިބުނު ފަރާތަށް އެފަދަ ތަނެއް ހޯދުމުގެ ގާބިލްކަން ލިބިފައި ނެތް ނަމަ ދައުލަތުން ވަގުތީ ހިޔާވަހިކަށް އެފަރާތަކަށް ހޯދައިދެވޭނެއެވެ.

 

ރައްކާތެރިކަމުގެ އަމުރު

ގެވެށި އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބުނު ފަރާތުން އެދޭނަމަ އަނިޔާ ކުރި ފަރާތުގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް ނެރެދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.