ދިވެހި ފުލުހުންގެ ތާރީޚް

ދިވެހި ފުލުހުންގެ ތާރީޚަކީ އިހުގެ އެވޭލާ ޒަމާނުގެ ތާރީޚް އެކޭ އެއްގޮތަށް މާސާފުނޫން ދުންފިނީގެ ނޭގުމާއި އަނދިރިކަމުގެ ތެރެއަށްގޮސް ހަނދާނުން ފޮހެވި ލޮލުގެ ފެނުމަށް އޮބާފައިވާ އެއްޗެކެވެ. ނަމަވެސް ޝައްކެތްނެތި އެނގޭ އެއްކަމަކީ ދިވެހިރާއްޖޭގެ ބިންތަކުގައި އިންސާނުން ޤާއިމްވެ އުޅެންފެށި ދުވަހުން ފެށިގެން އެބައި މީހުންނަށް އަމާންކަން ހޯދައި ދިނުމާއި، އެބައިމީހުންގެ މެދުގައި ސުލްހަ މަސްލަހަތު ޤާއިމް ކުރުމަށް ކޮންމެވެސް ބަޔަކު މަސައްކަތް ކޮށްފައިވާކަމެވެ. އަދި ދިވެހި ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރަށުތެރެ ބަލަހައްޓުމާއި ހަށިފާރަވެރިންގެ ގޮތުގައި މަސައްކަތްކުރާ ބަޔަކު ކޮންމެވެސް ނަމެއްގައި ތިބޭނެކަމީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫނެވެ.

އޭރު ދިވެހިރާއްޖޭގައި ޤާނޫނީގޮތުން ދިފާއީ ބާރުތަކެއް އުފެދިފައި ނުވިނަމަވެސް އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ނުވަތަ ކޮލީ ނަންފުޅުންނަމަ ސިރީކުލަ ސަދައިރަ ސިޔާކަ ސާސްތުރަ އައުދަ ކީރިތި ކައްތިރި ބަވަނަ މަހާރަދުން ގެ ރަސްކަމުގައި ދިވެހިރާއްޖެ އަށް ލިޔެވިގެންވާ ގާނޫނަކުން ދުސްތޫރީ ޙުކޫމަތެއް ލިބިގެން ދިޔައެވެ.
ފުލުހުން އުފެދިގެން އައިސްފައިވަނީ ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގައި އޭރު ތިއްބެވި ބޭފުޅުންނާއި މަޝްވަރާކުރެވި ފުލުހުންނާއި ބެހޭ ޤާނޫނެއް އެކަށައެޅުމުންނެވެ. (އޭރު އެޤާނޫނު ހަދާ މަޖިލީހުގައި ތިއްބެވި ބޭފުޅުންނަކީ އަވަށްޓެރި ޤައުމުތަކުގެ ވެށި ދެކެވަޑައިގަންނަވާ، ދެނެވަޑައިގަންނަވާ ބޭފުޅުންނެވެ.) އަދި މިޤާނޫނު ކީރިތި މަހާރަދުން (އައްސުލްތާން މުހައްމަދު ޝަމްސުއްދީން 3) ގެ ހިރިޔާ ފާތުރާދަށަށް 30 ޛުލްޤައިދާ 1351 ގައި ހުށަހެޅި މިޤާނޫނު 2 ޛުލްޙިއްޖާ 1351 ގައި ރަދުން ދަޞްދީޤު ކުރެއްވުމުންނެވެ.

އާދެ! ދިވެހިރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ގާނޫނު އަސާސީ އެއް އުފެއްދެވީ ޝަމުސުއްދީން ރަސްކަމުގައި އެރަސްގެފާނު ގެ އަމުރުފުޅަށެވެ. މިގާނޫނު އަސާސީ އިޢުލާނު ކުރެއްވީ 22 ޑިސެންބަރު 1932 ގައެވެ. (2 ޛުލްޙިއްޖާ 1351 ގައި ރަދުން މިޤާނޫނު ދަޞްދީޤު ކުރެއްވި ނަމަވެސް މިޤާނޫނު އަސާސީ ފުރަތަމަ ފަހަރަށް އިޢުލާން ކުރެވުނީ 2 ޝަޢުބާން 1351 ގައެވެ). ރަދުން މިޤާނޫނު ދަޞްދީޤު ކުރެއްވުމާއިގުޅިގެން 29 މާރިޗު 1933 ގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ފުލުހުންގެ ޙިދުމަތް ތަޢާރަފުވެގެން ދިޔައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ފުލުހުންގެ ފާޒުގައި ހިމެނިފައިވަނީ ޖުމްލަ 120 މީހުންނެވެ. އެއީ މާލޭގެ ހަތަރު އަވަށުން ހޮވާލެވުނު ބައެކެވެ. މިގޮތުން ގަލޮޅުން 24 މީހުންނާއި، ހެންވޭރު، މައްޗަންގޮޅި، މާފަންނު މިއިން ކޮންމެ އަވަށަކުން 32 މީހުންނެވެ. އެޒަމާނުގައި ފުލުހުންގެ މީހުންނަށް ކިޔައި އުޅެނީ ''ފުލުހު މީހުން'' ނެވެ. ފުލުހުން އުފެދިގެން އައުމާއެކު އެޒަމާނުގައި ފުލުހުންގެ މަސައްކަތުގެ އުޖޫރައާއި ޢިނާޔަތްތައް ދެއްވާފައިވަނީ ތަކެތިންނެވެ. މަހު މުސާރައެއްގެ ގޮތުގައި ކޮންމެ މަހަކު ހަނޑޫ މުޅިއެކެވެ. އިތުރު ޢިނާޔަތުގެ ގޮތުގައި އަހަރަކު ދެ ފާތިޙާއާއި، ތިން ޞަލަވާތާއި، ހަތަރު ބޯފޮޅިއެވެ. އަދި އަހަރަކަށް 3 ޔުނީފޯރމް ދެއްވިއެވެ. އެންމެ ފުރަތަމަ ފުލުހުން ޔުނީފޯރމްގެ ގޮތުގައި ބޭނުންކޮށް އުޅުނީ ހުދުލިބާހާއި މުންޑެވެ. ލިބާހުގެ އަތުކުރީ ފޮތިގަނޑާއި، ގިރުވާނު ހުންނަނީ ރަތް ކުލައިންނެވެ. ބޮލުގައި ކަޅު ތާކިހަލެކެވެ. އުނަގަނޑުގައި ކަމަރެއް އަޅާފައި އޮވެއެވެ. އަތުގައި މުގުރުބުރި އޮންނަންޖެހޭކަމަށް ފުލުހުންގެ އޭރުގެ ޤާނޫނުގައި ބަޔާން ކުރައްވާފައިވެއެވެ.
ފުލުހުން އުފެދުނު ދުވަހުން ފެށިގެން އައީ މާލޭގެ އޭރު އޮތް ހަތަރު އަވަށުން މީސްކޮޅެއް ހޮވާލައިގެންކަމުގައި ދަންނަވާލެވިއްޖެއެވެ. މި ފާޒުގައި ހިމެނިލެއްވި ބޭކަލުންނަކީ، އެޒަމާނުގެ ހަރުދަނާ މީހުންނެވެ. ތަޢުލީމީ ގޮތުންވެސް އެޒަމާނުގެ ޢާއްމު ފެންވަރު ގިނަ ބޭކަލުންގެ ކިބައިގައި ހުރިކަމަށް ދަންނަވާލެވިދާނެއެވެ. ނަމަވެސް ޕޮލިސް ފިލޯސަފީއާއި، ފުލުހުންގެ ޢިލްމީ ފަންނީ ތަމްރީންތަކަކީ ވަރަށް ފަހަކާޖެހެންދެން ރާއްޖެއަށްވެސް މުޅިންއާ ފިކުރުތަކެކެވެ. އާ ޚިޔާލުތަކެކެވެ.

ފުލުހުންގެ ފުރަތަމަ ޤާނޫނަށް ބަލާއިރު، ފުލުހުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހިފައިއޮތީ ރައްޔިތުންނަށް ރައްކާތެރިކަން ލިބިދިނުމަށެވެ. ރަށުތެރޭގެ އަމަން ބެލެހެއްޓުމަށެވެ. މިގޮތުން، މާލޭގެ ހަތަރު އަވަށާއި، ބާޒާރުގައި ފޯރިމެރުމާއި، ބަޔަކު ކުށެއް ކުރަނިކޮށް ފެނިއްޖެނަމަ އެބަޔަކު ވެރިންނާއި ހަމަޔަށް ގެންގޮސް ރިޕޯރޓްކުރަން ޖެހެއެވެ. ފުލުހުން އުފެދުނީއްސުރެ، ފުލުހުން އަދާކުރަމުން އައި ޚިދުމަތަކީ ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދިނުމުގެ ބުރަ މަސްޢޫލިއްޔަތެވެ. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކޮށް، ބޮޑެތި ޖަރީމާތައް ހިންގުމުގެ މަޤުތައް ބަންދުކޮށް، އެފަދަ ކަންކަމުން ރައްޔިތުން ދުރުހެލި ކުރުމެވެ. އަދި މިފަދަ ކަންކަންކުރާ ފަރާތްތައް ހޯދާ އިންސާފް އިންސާފުގެ ކުރިމައްޗަށް ހާޞިރު ކުރުމެވެ. އަދި ފުލުހުންގެ އަޚްލާޤް ހިފަހައްޓައި، ސުލޫކީ އިމެއްގެ ތެރޭގައި، ބޭތިއްބުމަށްޓަކައި، އޭރު އޮތް ފުލުހުންގެ ޤާނޫނުގައިވެސް ފުލުހުން ކުރުން މަނާ ކަންތައްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފުލުހުންގެ މީހަކު ކުށެއް ކޮށްފިނަމަ އެމައްސަލަ ބައްލަވާނީ ވުޒާރަތުއްދާޚިލިއްޔާ އިންނެވެ. މީގެއިތުރުން ތަޙްޤީޤް ކުރުން ފަދަ ކަންކަމުގެ އިސްވެރިންގެ ގޮތުގައި ބައެއް ބޭފުޅުން މަސައްކަތް ކުރައްވާފައިވަނީ، އެފަދަ ފަންނެއްގެ ޢިލްމީ ކުޑަވެސް މަޢުލޫމާތެއް ލިބިވަޑައިގެން ނޫންކަމަށް އެ ދާއިރާގައި އެދުވަސްވަރު މަސައްކަތް ކުރެއްވި ބައެއް ބޭފުޅުން ވިދާޅުވެފައިވެއެވެ. ތަޙްޤީޤް ކުރާބައިގެ ނޯޓުނަގަން ނުވަތަ ކާތިބަކަށް މަސައްކަތް ކުރަމުންގޮސް އިސްވެ ތަޙްޤީޤު ކުރާ ވެރިއެއްގެ މަޤާމަށް ދަތުރު ކުރެވެނީއެވެ. އެއްވެސް ކޮލިފިކޭޝަނެއް އޮވެގެނެއް ނޫނެވެ. ތަމްރީނެއް ލިބިގެނެއް ނޫނެވެ. މީހަކު ނެތީމާ ދެންހުރި މީހަކު ކުރަންޖެހޭ އުޞޫލުން ތަޙްޤީޤު ކުރުމުގެ މަސައްކަތުގައިވެސް ޙަރަކާތްތެރިވަމުން ގޮސް އެހިސާބަށް ވާޞިލު ވެވެނީއެވެ.
ފުލުހު މީހަކު ކުށެއްކޮށްފިނަމަ، އެމައްސަލައެއް ބައްލަވާނީ ވުޒާރަތުއްދާޚިލިއްޔާ އިންނެވެ. ކުށަށްދެވޭ އަދަބުގެ ތިން ބާވަތެއް އޮވެއެވެ. އެއީ ޖޫރިމަނާ ކުރުމާއި، ދުއްރައިން ތެޅުމާއި، ގޭ ބަންދު ކުރުމެވެ. ފުލުހުންގެ ޤާނޫނު ބުނާގޮތުން، ކުޑަކުށެއް ކޮށްގެން ފުލުހުން ޖޫރިމަނާ ކުރެވޭނީ އެއް ރުފިޔާއާއި ދިހަ ރުފިޔާ އާއި ދެމެދުގެ އަދަދަކަށެވެ. ގޭބަންދު ކުރެވޭނީ 1 ގަޑި އިރުން ފެށިގެން 15 ދުވަހުގެ މުއްދަތަކަށެވެ.

ފުލުހުން އުފެދުނު ދުވަހުން ފެށިގެން ފުލުހުން އަދާކުރަމުންދާ ޚިދުމަތަކީ ، ރައްޔިތުންގެ ޖާނާއި މާލު ރައްކާތެރިކޮށްދިނުމުގެ މަސްޢޫލިއްޔަތު އަދާކުރުމެވެ. މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ. ވައްކަންކުރުމާއި، މާރާމާރީ ފަދަ ޖަރީމާތައް ހިންގާ މީހުން ހޯދައި މައްސަލަ ބަލައި ތަޙްޤީޤްކޮށް ކަމާބެހޭ ފަރާތާ އެފަދަ މީހުން ހަވާލުކުރުމެވެ. މިގޮތުގައި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމެވެ.
ކަންމިހެން އޮތުމުން ފުލުހުންގެ ޔުނީފޯމަށާއި، އެޔުނީފޯމަށް ލިބިގެންވާ ޤާނޫނީ، އަދި ޤައުމީ ޝަޚްޞިއްޔަތަށްޓަކައި، ކޮންމެ ދިވެހި ދަރިޔަކުވެސް ފުލުހުންނަށް ކަމޭހިތުމުގެ ނަޒަރުން ޚާއްޞަ އިސްކަމެއް ދިނެވެ. ފުލުހު ބޭކަލަކު ދުރުވާ މަގަކަށް ނިކުމެވިއްޖެނަމަ ހިނިތުންވުމާއެކު ހަތަރުކަޅި ހަމަކޮށްލުމާއި، އެބޭކަލަކަށް މަގުން ތަން ދެއްކުމާއި، މިފަދަ ރީތި އާދަތަށް ފެނިގެން ދިޔައެވެ. ފުލުހު ބޭކަލަކު ކަމަކަށް އިޝާރާތް ކުރައްވައިފިނަމަ، ލޮލުން ބޮލުން ކިޔަމަންގަތުމާއި، އެކަމެއްގައި އެހީތެރިވެދިނެވެ. ޝުކުރުވެރި ހިތަކުންނެވެ.

ފުލުހުންނަށް ކުރާ އިޚްތިރާމްތަކުގެ އިތުރުން ފުލުހުންގެ މަސްޢޫލިއްޔަތާއި ވާޖިބުތަކެއްވެސް އެބަހުއްޓެވެ. ފުލުހުން ކޮށްގެން ނުވާނެ ކަންތައްތަކެއް ޤާނޫނުގައި ބަޔާން ކުރައްވާފައިވެއެވެ. އޭގެތެރޭގައި ފުލުހުންގެ އެއްވެސް މީހަކު އެއްވެސް މީހެއްގެ ކިބައިން، ހަދިޔާއެއް ބަލައި ނުގަތުމާއި، އަނިޔާއެއް ކޮށްގެން ނުވާނެކަން ބަޔާން ކުރައްވާފައިއޮވެއެވެ. ފުލުހުންގެ މީހަކު އެއްވެސް ކަހަލަ ނޯކިރީއެއް ކުރުމަކީ މަނާކަމެކެވެ. ނަމަވެސް ރާނައި، ވަޑާންކޮށްދިނުމާއި، މަހަށް ދިއުން ފަދަ ކަންކަން ހުއްދައެވެ. ފުލުހުންގެ ތާރީޚުން އެނގެން އޮތް ގޮތުގައި، 1970 ގެ އަހަރުތަކުގެ ތެރޭގައިވެސް ފުލުހުން ރަށުތެރެ ބަލަހައްޓައި، ފޯރިމަރައި އުޅުނީ ފައިމަގުގައެވެ. އަމިއްލަ ބައިސްކަލެއް ހުރި މީހަކުނަމަ އެބައިސްކަލެއްގައި ނިކުމެ އުޅެއެވެ. ބައެއް ފަހަރަށް ފޯރިއަށް ހުންނަންޖެހޭތަނަށް ސިފައިންގެ ބަހުގައިވެސް ގެންގޮސްދީ ހަދައެވެ.
ތަޙުޤީޤު ކުރަންފެށުން

އެޒަމާނުގައި ތަޙުޤީޤުކުރުމަކީ ކިޔަވައިދިނުމާއެކު ކުރި ކަމެއް ނޫނެވެ. އެމަސައްކަތް ކުރަންތިއްބެވި ބޭފުޅުންގެ ކިބައިގައި ހުރި އާދަޔާޚިލާފު ހުނަރުވެރި ކަމެއްގެ ތެރެއިން ޙާސިލްކުރާ ތަޖުރިބާގެ އެހީގައި ކުރަމުންއައި ކަމެކެވެ. ޤައުމުގެ ސުލްޙަ މަސަލަސްކަން އެންމެ މަތީ ދަރަޖައިގައި ބާއްވައިދީ ، ފަރުދީ ޙައްޤުތައް ހޯދައިދީ ، ދޭދޭ މީހުންގެ ޒަމާންވީ ގާތްކަން ގެއްލިޔަނުދީ މިޒަމާނުގައި މިލިއްބައިދޭ މާ ބޮޑުޢިލްމަކާ ހުނަރެއް ލައިދީގެން ކުރިކަމެއް ނޫނެވެ. ތަޙްޤީޤް ކުރާބައިގެ ނޯޓްނަގަން ނުވަތަ ކާތިބަކަށް މަސައްކަތްކުރަމުންގޮސް އިސްވެ ތަޙްޤީޤު ކުރާ ވެރިއެއްގެ މަޤާމަށް ދަތުރުކޮށް މި މުއައްސަސާއަށް އެބޭފުޅުން ކޮށްދީފައިވާ ގިނަ ގުނަ ޚިދުމަތްތަކަކީވެސް ކުޑަ މަސައްކަތެއް ނޫނެވެ. ފުލުހުންގެ ތަޚްޤީޤްގެ އެންމެހާ މަސައްކަތްތައް ކުރަނީ އޭރު ސިފައިންގެ އިމާރާތާއި އިންވެގެން ހަދާފައިވާ ކޮޓަރިއެއްގައެވެ. އެއީ ގާތްގަނޑަކަށް 12 ފޫޓް 12 ފޫޓްގެ ކޮޓަރިއެކެވެ. މިކޮޓަރީގައި ހުންނަނީ ފެހިކުލައިގެ ދަވާދު ލާފައެވެ. އެހެންކަމުން އޭރު މިތަނަށް ކިޔައި އުޅެނީ '' ފެހި'' އޮފީހެވެ.
ފެހި އޮފީސް
ފެހި އޮފީސް ޤާއިމް ވެެގެން އައިސްފައިވަނީ އޭރު ސިފައިންގެ ދޮރުމަތިން މައްސަލަ ބަލާނެގޮތް ނެތިގޮސް ސިފައިން ގޭގެ ހުޅަގު އުތުރުފަރާތާއި ގުޅިގެން އިބްރާހިމް މައިދާނުގައި ފުރިހަމަ އޮފީހެއް ތައްޔާރު ވުމާއި ގުޅިގެންނެވެ. މިއޮފީހަށް ޢާއްމުން ކިޔައި އުޅެނީ ފެހި އޮފީހުގެ ނަމުންނެވެ.

އެއޮފީސް ތަޅާލީ ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައެވެ. އޭރު ހުރި ސިފައިންގެ އޮފީސް ތަޅާލި ދުވަސްވަރުއެވެ. މިދެންނެވި އޮފީސް ހުރީ އިބްރާހިމް މައިދާނުގެ އިރުމަތީ ފަޅީގައެވެ. ސިފައިން ގޭގެ ފުރަގަހުންނެވެ. އޭރު ހުރި ހަނޑޫގުދަން ކިޔާ ގުދަނަކާއި ދެމެދުގައެވެ. މި އޮފީހަށް ވަންނަ ދޮރޯށި އޮންނަނީ އޮފީހުގެ މަގުމަތީ އިންފާރުގައެވެ. މިފާރު ފެށިފައި ހުންނަނީ ސިފައިންގެ ހުޅަނގު އުތުރު ކަނުންނެވެ. މިތަނުގައި ސަތޭކަ ވަރަކަށް ފޫޓްދިގު ފަނަރަ ވަރަކަށް ފޫޓްގެ ފުޅާ މެދު ގޯއްޗަކަށްފަހު ދެން ހުންނާނީ އޮފީސް ޢިމާރާތެވެ. މިއީ އޭރުގެ ސިފައިންގެ އައު ފެންޑާއޭ ކިޔާ މީހުން ނިދާއުޅޭ ތަނަކުން ވަކިކޮށްލާފައި ހުންނަ ގާތްގަނޑަކަށް އާދައިގެ ކުޑަކުޑަ 12 ފޫޓް 12 ފޫޓްގެ ކޮޓަރިއެކެވެ. މިއީ ސަތޭކަ ވަރަކަށް ފޫޓްދިގު ފަނަރަ ވަރަކަށް ފޫޓް އުސްފާރެކެވެ. މިދޮރޯށިން ވަނުމުން ދިހަ ފޫޓް ވަރަކަށް ފުޅާ މެދު ގޯއްޗަކަށްފަހު ދެން ހުންނަނީ އޮފީސް ޢިމާރާތެވެ. މިއީ އޭރުގެ ސިފައިންގެ އައު ފެންޑާއޭ ކިޔާ މީހުން ނިދާއުޅޭ ތަނަކުން ވަކިކޮށްފައި ހުންނަ އާދައިގެ ކުޑަކުޑަ ކޮޓަރިއެއް ވަރުގެ ތަންކޮޅެކެވެ. މި އޮފީހުގެ ދެކުނު ފަރާތު ފާރަކީ ސިފައިން ގޭގެ އުތުރު ފަރާތު ބިއްފާރެވެ. ތިނެއް ހަތަރެއް ގަޑު ހަރުފަތުން އެރޭހާ އުސްކޮށް ތަޅުން އަޅާފައިވާ ތަނެކެވެ. އަދި ސިފައިންގެ ފުރަގަހު ބިއް ފާރާއި ޖެހިގެން ކުޑަތަންކޮޅެއް ދޫކޮށްލާފައި ބޮޑުދޮރާއި ދެމެދު ހުންނަނީ ތިންކަނިލާ ތޭރިޖަހާ ދެދޮރުފަތް ހަރުކޮށްފައި ހުންނަ ކުޑަ ދޮރެކެވެ. ދެން ކުޑަތަންކޮޅެއް ދޫކޮށް އެއްދޮރުފަތް ހުޅުވާ ލެއްޕޭ ގޮތަށް ހަދާފައި ހުންނަ ފެހިކުލައިގެ ދަވާދު ލާފައި ދޮރުފަތެއް ހަރުކޮށްފައި ހުންނަ ބޮޑު ދޮރެކެވެ. ދެންނެވި ތިން ހަތަރު ގަޑު ހަރުފަތުން މައްޗަށް އަރައިގެން މިދެންނެވި ކުޑަ ކޮޓަރިއެއްވަރުގެ އޭރަށް ފުދޭ އޮފީހުގެ ތެރެއަށް ވަދެ ބަލާލާއިރު ދޮރުން ވަންނަ މީހާގެ ވާތްފަރާތުން ފާރުކައިރީ ތިނެއް ނުވަތަ ހަތަރެއް އަތްގަޑުލީ އެއްތެޔޮފުރި އަދަރާދު ގޮނޑި ހުންނާނެއެވެ. މިގޮތުން މި އޮފީހުގެ ކަނާތްފަރާތުގައި ކަންކުތިވާގޮތަށް ކާކީ ފޮތިގަނޑެއް އަޅާފައި އޮންނަ އާދައިގެ ވަތްބަރިނެތް އޮފީސްމޭޒެއް ހުންނާނެއެވެ. މޭޒުގެ އެތެރެ ފަރާތުގައި އަދަރާދަ ގޮޑިއެއް ހުރެއެވެ. އަދި މޭޒުގެ ދޮރުކޮޅުގައި އަދަރާދަ ގޮޑިއެއް ހުރެއެވެ. ވަންނަމީހާގެ ކުރިމަތީގައި ތަޙްޤީޤްކުރައްވާ މީހާ އިންނަވާމޭޒު ބަމައެއް ހާދުރުމިނުގައި އޮފީހަށް ތެދުވާ ގޮތަށް ކާކީ ފޮތިގަޑެއް އަޅާފައިވާ ހުންނާނެއެވެ. މިމޭޒުގެ ދުރުފަރާތުގައިވެސް އެއްތެޔޮފުރި އަތްގަނޑުލީ އަދަރާދަގޮނޑިއެއް ހުރެއެވެ. މިއީ މައްސަލަ ބައްލަވާ މީހާ އިންނަވާ ގޮނޑިއެވެ. އޭނާގެ ފުރަގަހުގައި ލެނގިލެވޭހާވެސް ކައިރީގައި ތިންފޫޓް ހުންނަވަރުގެ ދެދޮރުފަލީ ކަބަޑެއް ނުވަތަ އޭރު ކިޔާގޮތަށް ދަންނަވާނަމަ ސައިޕޯރޓެއް ހުރެއެވެ. މީގެ މަތީގައި ބަހައްޓާފައި ހުންނަ އެނބުރޭ ފަންކާއެއް ހުރެއެވެ.

މިއޮފީހުގެ އިރުމަތީ ފަރާތުގެ ދެކުނު ކޮޅުގައި ސިފައިންގެ ތެރެއަށް ނުކުމެވެން އެއްފަޅިއަށް ހުޅުވޭ ފެހިކުލައިގެ ދަވާދުލީ ދޮރެއް ހުރެއެވެ. މިދޮރު އަބަދުވެސް ހުންނަނީ ލައްޕާފައެވެ. މިއީ މިއޮފީހަށް ސިފައިންގެ ތެރެއިން ވަދެވެން ހުންނަ ދޮރެވެ. މިއޮފީސް ހުންނަނީ ފަންގިފިލާގައާއި ދޮރުތަކުގައި ފެހި ދަވާދުލާފައެވެ. މިއީ މިއޮފީހަށް ''ފެހި އޮފީސް'' ކިޔަން ދިމާވި ސަބަބު ކަމުގައި ވެދާނެއެވެ. އެ ދުވަސްވަރު ލިޔެކިޔުންތަކުގައި ބޭނުން ކުރަމުންދަނީ ''ސިފައިންގެ އޮފީސް/ތަޙްޤީޤާއިބެހޭ ބައި މިނަމުގައެވެ. މިދެންނެވި އޮފީހަށް ފަހުން އަދި ހަމަ އެހާކަންހާވަރުގެ ބައެއް އެއްކުރެވުނެވެ. މިބަޔަށް ވެދެވެން ހުންނަނީ އޮފީސް ތެރެއިން ކަޑާފައި ހުންނަ ދޮރުފަތް ހަރުނުކުރާ ދޮރަކުންނެވެ. އަދި މިދޮރުން ތަންކޮޅެއް ދޫކޮށްފައި ދިގު ކުޑަ ދޮރެއް ބަހައްޓާފައި ހުރެއެވެ. މިއީ ތޭރިއެއް ދޮރުފަތެއް ނެތް ފާރުން ކަނޑާފައި ހުރި ބާގަޑެއް ފަދަ ކުޑަދޮރެކެވެ. މިތަނަކީ މޭޒަކާއި ގޮނޑިއަކާއި ލިޔެކިޔުން ބަހައްޓާކަހަލ ބިއްލޫރި ދޮރުފަތްލީ ބޮޑު އަލަމާރިއެއް ބަހައްޓާފައި ހުރި ތަނެކެވެ.
ފެހި އޮފީހުގެ ތަޙްޤީޤް
މަޝްހޫރު ފެހި އޮފީހުގެ ދުވަސްވަރު ފުލުހުންގެ ތަޙްޤީޤްކުރާ މޭޒުގައި މައްސަލައިގެ ދާއިރާ ގިންތި ކުރެވިފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެތިން ބަޔަށް ނަން ދެވިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
- ސ.ދ އަދި އެހެނިހެން (ސިޔާސީ، ދީނީ ނުޚާލިފު އަދި އެހެނިހެން ކަންކަމާބެހޭބައި)
- ވައްކަމާބެހޭބައި
- މާރާމާރީ އާއި ބެހޭބައި

ސިޔާސީ މައްސަލަތަކާއި، ދީނީ ޚިލާފުވުމުގެ މައްސަލަތަކާއި، އެހެނިހެން މައްސަލަތައް މިއީ މައްސަލައިގެ އެއްގިންތިއެވެ. އަނެއް ގިންތީގައި ހިމެނެނީ ވައްކަމުގެ މައްސަލަތަކެވެ. ތިންވަނަ ގިންތިއަކީ މާރާމާރީއާއި ބެހޭ މައްސަލަތަކެވެ. މިހުރިހައި މައްސަލަތަކަކީވެސް ފެހިއޮފީހުގައި ހުންނަ ތަޙްޤީޤާބެހޭ މޭޒުން ނިމިގެންދާ މައްސަލަތަކެވެ. އިދާރީގޮތުން ފުލުހުން ތަޙްޤީޤްކުރުމުގެ މަސައްކަތަށް އައި ތަނަވަސްކަމެއްގެ ގޮތުގައި ޢިމާރާތް ބަދަލުވުން ހިމެނެއެވެ. އޭރު ހުރި ސިފައިންގެ ޢިމާރާތް ތަޅާލައްވަން ވެގެން ، ފެހި އޮފީހުގައި ކުރަމުން އައި މަސައްކަތް ބަނޑޭރިގޭ އާ ޢިމާރާތުގެ ސިޑިކޮށީގެ ހުޅަނގުފަރާތު ބަޔަށް ބަދަލު ކުރެއްވިއެވެ. މި ބަދަލާއި ގުޅިގެން ޖާގައިގެ ގޮތުން ކުރިޔަށްވުރެ ތަނަވަސްކަން ލިބުނެވެ. އެހެންކަމުން ފެހިއޮފީހުގައި އެންމެ މޭޒަކުން ކުރަމުން އައި މަސައްކަތް ތިންމޭޒަކަށް ބަހާލެވުނެވެ.
11 ނޮވެންބަރު 1978 ގެ ފަހުން އަނެއްކާވެސް ހެޔޮ ބަދަލުތަކާއި ކުރިމަތިލިއެވެ. އިސްވެ ދެންނެވުނު ތިން މޭޒުގެ އިތުރަށް އިދާރީ މޭޒެއް ބެހެއްޓުނެވެ. މައްސަލަތައް ތަޙްޤީޤްކުރައްވާ ފަރާތްތަކަށް ކަމާގުޅޭގޮތުން، އިސް ހައިސިއްޔަތުން ބޭނުންވާ ތަފާތު އެހީތެރިކަން ފަހިކޮށްދެއްވާ ބޭފުޅެއްގެ ގޮތުގައި އެ މޭޒު ފަޅުފިލުއްވާ ފަރާތް ހިމެނިގެން ދިޔައެވެ. މި ހަތަރު ބޭފުޅުންގެ މެދުގައި މަޝްވަރާޔާއި، ލަފާއެހުމުގެ ''ވިޔުގައެއް'' ޤާއިމުވިއެވެ. ޒަމާނުއްސުރެ މައްސަލަތައް ގިންތީ ކުރައްވާފައިވާ ގޮތަށް އަނެއްކާވެސް ބަދަލެއް އައެވެ. ސިޔާސީ މައްސަލަތަކާއި، ދީނީ ޚިލާފުވުމުގެ މައްސަލައިގެ އިތުރަށް ފައިސާގެ މައްސަލަތައް ބައްލަވަން އެކަމަށް އަނެއްކާވެސް އާ ބައެއް އުފެދިއްޖެއެވެ. މި ބަޔަށް ކިޔަނީ ޓެކުމާއި ޚިޔާނާތާ ބެހޭ ބައެއެވެ. އެޒަމާނުގެ ޙާލަތު ނިޔާކުރާގޮތުން ފައިސާގެ މައްސަލައިގެ ގޮތުގައި ހުށަހެޅެނީ ހަމައެކަނި ދަރަނީގެ މައްސަލައެވެ.
27 އޮގަސްޓް 1960 ގައި ތަހްޤީޤް އޮފީހުގެ މަސައްކަތް ފެށުނުއިރު ތަހްޤީޤު އޮފީހުގެ ބައިތަކުގެ އިސްކޮށް ތިއްބެވި ވެރިންނާއި އެހީތެރިން
- ސިޔާސީ ކަންތައްތަކާއިބެހޭ ބައިގެ ވެރިޔާ މުޙައްމަދު ޙާޖީ ދޮންތުއްތު
- ސިޔާސީ ކަންތައްތަކާއި ބެހޭ ބައިގެ އެހީތެރިޔާ ރަންވިއްކާ ޢަލީ މަނިކު
- ވައްކަމާއި ބެހޭ ބައިގެ ވެރިޔާ ރަންވިއްކާ ދޮންކަލޭފާނު
- ވައްކަމާއި ބެހޭ ބައިގެ އެހީތެރިޔާ ބީފާނު އިބްރާހިމް ނަސީމު
- މާރާމާރީއާއި ބެހޭ ބައިގެ ވެރިޔާ މޮޓަ ޙަސަން މަނިކު
- މާރާމާރީއާއި ބެހޭ ބައިގެ އެހީތެރިޔާ ހައިވަކަރު އަޙުމަދު ފުޅު
1978ގެ ފަހުން ފުލުހުންގެ މަސައްކަތް ތަރުތީބު ކުރެވެމުން ދިޔައިރު ތިއްބެވި ބައިތަކުގެ ވެރިން
- ސިޔާސީ ބައިގެ ވެރިޔާ ޝައުކަތު އިބްރާހިމް
- ވައްކާމާބެހޭ ބައިގެ ވެރިޔާ ޙަސަން ތައުފީޤު
- މާރާމާރީބައިގެ ވެރިޔާ ރަންވިއްކާ އާދަމްމަނިކު
- ވައްކަމާބެހޭ ބައިގެ ވެރިޔާ ޙުސެއިން ޝާކިރު
- ފައިސާއާއިބެހޭ ބައިގެ ވެރިޔާ އަޙްމަދު ޒާހިރު
- ސ.ދ. ބައިގެ ވެރިޔާ ޢަބްދުއްޝުކޫރު ޢަބްދުﷲ
- ވައްކަމާބެހޭ ބައިގެ ވެރިޔާ ޢިމާދު އިސްމާޢީލް
- ކުއްވެރިންގެ ވެލްފެއާކަންތައްތައް ބެލެހެއްޓުން ހިމިތީ ދޮން ޢަލިފުޅު
- ޓްރެފިކާބެހޭ ބައިގެ ވެރިޔާ އިބްރާހިމް ޚަލީލް
ފުލުހުންގެ ގޮތުގައި 12 މީހުން އައްޔަންކުރުން

އިނގިރޭސި ރާނީ ކުއީން އެލިޒަބަތު 2 ރާއްޖެ ވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެން މާލެ ޒީނަތްތެރިކުރުމަށާއި ، މަރުޙަބާ ދެންނެވުމުގެ ގޮތުން ކުރަން ޖެހުނު ވަރަށް ގިނަ މަސައްކަތްތަކެއް ފެށިގެންދިޔައެވެ. އޭގެ ތެރޭގައި ސެކިއުރިޓީ ކަންތައްތައްވެސް އިހުނަށްވުރެ ހަރުދަނާ ކުރެވުނެވެ. 1972 މާރިޗު މަހުގެ 13 ގައި ސިފައިންގެ ތެރެއިން 12 މީހަކު ފުލުހުންގެ ގޮތުގައި ޢައްޔަނު ކުރެވުނެވެ. އެމީހުންގެ ޔުނީފޯމް އަކީ ޖަންގަލް ގްރީން ޔުނިފޯމެވެ.

ސިފައިން ޑިއުޓީތަކުގައި އަތް އޮޅާފައި ހުއްޓަސް ފުލުހުން އެ ޔުނިފޯމް ބޭނުންކުރީ އަތް ދިގުކޮށް ދަށަށް ޖަހައިގެންނެވެ. އެ ޔުނިފޯމްގައި ތިބޭއިރު އަރަނީ ހަވީރީ ބޫޓަށެވެ. ބޮލުގައި އަޅަނީ ޕީކެޕެވެ. ރާނީ މާލެވަޑައިގަތުމަށްޓަކާ ތައްޔާރުވަމުންދިޔައިރު ކަނޑުމަތީގެ ސެކިއުރިޓީ ގައި ބޭނުންކުރީ ސިފައިންގެ މަސްބޯޓުގައި ހުދު ދަވާދުލައި އިނގިރޭސިބަހުން " ޕޮލިސް " ޖަހައިގެންނެވެ. ރާނީ މާލޭގައި އެކިތަންތަނަށް ވަޑައިގެންނެވިއިރު ކާރުކޮޅުގެ ސެކިއުރިޓީގައި ތިބި މީހުންނަކީވެސް ފުލުހުންކަމުގައި އޭރު ކިޔައި އުޅުނެވެ. ރާނީ ދަތުރުކުރައްވަން ހަމަޖައްސާފައި އޮތް ކޮންވޯއީގެ ކުރީގައި އޮންނަނީ ޕޮލިސް ކާރެކެވެ.
ފުލުސް ކޯޓު

ފުލުސް ކޯޓަކީ ފުލުސް އޮފީހަށާއި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީ އަށް ހުށަހެޅޭ މައްސަލަތަކަށް އަވަސް އަދި އިންސާފުވެރި ޚައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި 1979 ފެބްރުއަރީ 11 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒް މަޢުމޫން ޢަބްދުލް ޤައްޔޫމް އުފެއްދެވި ކޯޓެކެވެ. މިކޯޓް ހިނގަމުން ދިޔައީ މިނިސްޓްރީ އޮފް ޕްބަލިކް ސޭފްޓީ (މިހާރުގެ ނަމުން ނަމަ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކއިުރިޓީ) ގެ ދަށުންނެވެ. އޭރު މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަޤާމްގައި ހުންނެވީވެސް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މަޢުމޫން ޢަބްދުލް ޤައްޔޫމް އެވެ. ނައިބަކީ އޮނަރަބަލް އިލްޔާސް އިބްރާހިމް އެވެ. އޭރު ސިފައިންގެ އެންމެހާ ކަންތައްތައް ބަލަހައްޓަވަމުން ގެންދެވީ މިނިސްޓްރީ އޮފް ޕަބްލިކު ސޭފްޓީގެ ޑިރެކްޓަރ ޖެނެރަލް އަންބަރީ ޢަބްދުއްސައްތާރު އެވެ. މައްސަލަތަކާއި ގުޅިގެން ފުލުސް ކޯޓަށާއި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީއަށް ގެނެވޭ މީހުންނާއިބެހޭ ކަންތައްތައް ބެއްލެވުމުގައި އެންމެ އިސްދަޢުރެއް އަދާކޮށްފައިވަނީ މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ހިންގާ ސެކެޓަރީ އަލްފާޞިލް އިސްތަފާ އިބްރާހިމް މުހައްމަދު މަނިކު އެވެ.
ދިވެހިރާއްޖޭގެ ތާރީޚަށް ބަލާއިރު ފުލުސް ކޯޓަށް ރައީސުލްޖުމްޙޫރިއްޔާ އެންމެ ފުރަތަމަ ކަނޑައެޅުއްވި ޤާޟީއަކީ މ.ޒޭވަރު ޢަބްދުއްރަޝީދު އަލީ (މއ.ހަނީސަކްލް) އެވެ. މިކޯޓް އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ ހުށަހެޅޭ މައްސަލަތައް އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖެގެ ޤާނޫނު އަސާސީއާއި ޤާނޫނުލް އުޤޫބާތުގައިވާ ގޮތުގެމަތިން އިންސާފުވެރިކަމާއެކު ވީހާވެސް އަވަހަށް މައްސަލަތައް ނިންމާ އެންމެހާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމެވެ. މި ކޯޓުން ބެލި މައްސަލަތަކުގެތެރޭގައި ފުލުހުންނަށް ހުށަހެޅި ތަޙްޤީޤްކުރަމުންދާ މައްސަލަތަކާއި މިނިސްޓްރީ އޮފް އޮފް ޕަބްލިކް ސޭފްޓީއަށް ހުށަހެޅެމުންދިޔަ މައްސަލަތައް ހިމެނެއެވެ. މިގޮތުން އެކޯޓުންބަލާ މައްސަލަތަކުގެތެރޭގައި ވައްކަމާއި ފޭރުމާއި، މާރާމާރީއާއި ޓްރެފިކްގެ މައްސަލަތަކުގެ އިތުރުން ފައިސާގެ މައްސަލަތަކާއި އެހެނިހެން މައްސަލަތައްވެސް ހިމެނެއެވެ.
ސިފައިންގެ ތާރީޚަށް ބަލާއިރު 1960 އޮގަސްޓް 27 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ސިފައިން ތަޙްޤީޤްކުރާ ބައި ޢާއްމު ނަމުންނަމަ ފެހި އޮފީސް އުފައްދައި ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ތަޙްޤީޤްކުރަންފެށިއެވެ. މިގޮތުން ފެހި އޮފީސް ނުވަތަ ފުލުހުންގެ ތަޙްޤީޤް އޮފީހުން އެންމެ ފުރަތަމަ ބަލަން ފަށާފައި ވަނީ ތިން ބާވަތެއްގެ މައްސަލަތަކެވެ. އެއީ ސިޔާސީ ކަންކަމާއި ބެހޭ މައްސަލަތަކާއި، ވައްކަމާއި ބެހޭމައްސަލަތަކާއި، މާރާމާރީ އާއި ބެހޭ މައްސަލަތަކެވެ. އަދި މިތިން ބަޔަށް ތިން ސެކްޝަން ހެދިފައިވެއެވެ. އެއަށްފަހު 1978 ވަނަ އަހަރު ފުލުހުންގެ މަސައްކަތްތައް ތަރުތީބުވެގެން ދިޔަ ފަހުން ފުލުސް އޮފީހަށް ހުށަހެޅޭ މައްސަލަތައް ބެލުމަށް ފުލުސް އޮފީހުގައި އިތުރު ބައިތައް ނުވަތަ ސެކްޝަންތައް ވަނީ އުފައްދާފައެވެ. މީގެތެރޭގައި ސ.ދ ކަންކަމާއި ބެހޭ ބަޔާއި ޓްރެފިކާއި ބެހޭ ބަޔާއި، ވައްކަމާއި ބެހޭ ބަޔާއި، ފައިސާ އާއި ބެހޭ ބަޔާއި، ވެލްފެއަރ ކަންތައްތަކާއި ބެހޭ ބަޔާއި، މާރާމާރީ އާއި ބެހޭ ބައި ހިމެނެއެވެ.
ފުލުސް ކޯޓްގެ ސަބަބުން ފުލުސް އޮފީހުން ބަލާ ތަޙްޤީޤްކުރާ މައްސަލަތަކުގައި އެކިއެކި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ މީހުންނަށް އަދި ވަކިގޮތެއް ކަނޑައެޅިފައިނުވާ މައްސަލަތަކަށް އަވަސް ހައްލެއް ލިބިގެން ދިޔައެވެ. މިކޯޓް ހިނގަމުން ދިޔައީ ބަނޑޭރިގޭ މަތީބުރީ އިރުމަތީ ބައިގައެވެ. މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ދަށުން 1979 ފެބްރުއަރީ 11 ވަނަ ދުވަހު އުފެއްދި މި ފުލުސް ކޯޓް އުވާލައްވާފައިވަނީ 1990 މެއި 20 ވަނަ ދުވަހު އެވެ. އޭރު މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ނަން ވަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ ނަމަށް ބަދަލުވެފައެވެ. އަދި މި ފުލުސް ކޯޓް ހިނގަމުން ގޮސްފައިވަނީ ފަހުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ދަށުންނެވެ. އަދި ފުލުސް ކޯޓް އުވާލެއްވުމާއެކު އެކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކާއި ބެހޭގޮތުން ސަރުކާރުން ހަމަޖައްްސަވާފައިވަނީ އެ މައްސަލަތައް މިނިސްޓްރީ އޮފް ޖަސްޓިސް އާއި ޙަވާލު ކުރެއްވުމަށެވެ.
ފުލުހުންނާއި ސިފައިން އެއް ފުރާޅެއްގެ ދަށުގައި މަސައްކަތްކުރުން

ދިވެހިރާއްޖޭގައި ސިފައިންގެ ޚިދުމަތް ފެށިފައިވަނީ 1892 ވަނަ އަހަރުގެ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. ފުލުހުންގެ ޚިދުމަތް ފެށިފައިވަނީ އޭގެ 40 އަހަރު ފަހުން 1933 މާރިޗު 29 ވަނަ ދުވަހުއެވެ. ފުލުހުންނާއި ސިފައިންނަކީ މަސްއޫލިއްޔަތާއި ވާޖިބުގެ ގޮތުން ތަފާތު ދެ މަސައްކަތެއްކުރާ ދެ ބައެއްގޮތުގައި ހަމަޖެހިފައިވީނަމަވެސް، ފުލުހުން އުފެދިގެން އައިދުވަސްވަރު ރާއްޖޭގައި ވިޔަފާރި ކުރަން ތިބި ބިދޭސީ ވިޔަފާރިންނާއި ދިވެހިންނާއި މެދު ހިނގި ހަމަނުޖެހުންތަކެއްގެ ސަބަބުން ބިދޭސީ ވިޔަފާރިވެރިން ހަޅުތާލުކޮށް ވިޔަފާރިކުރުން ހުއްޓާލައި ފިހާރަތައް ބަންދުކޮށް ދިވެހިންނަށް ދަތިކުރަމުންދިޔަ ދިއުން ހުއްޓުވޭތޯ އޭރުގެ ފުލުހުންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށްފަހު އެންމެ ފަހުން ސިފައިންގެ އެހީއަށް ބޭނުންވުމުން ސިފައިން ފުރަތަމަ އާރާބާރާއެކީ ނުކުމެ ފުލުހުންނަށް ފުރިހަމަ މަދަދާއި އެހީ ދީފައިވެއެވެ. އެއީ 22 ރަބީޢުލްއާޚިރާ 1352 (15 އޮގަސްޓު 1933) ވީ އަންގާރަ ދުވަހެވެ.
29 މާރިޗު 1933 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުން ޤާނޫނަކުން އުފެއްދި ދިވެހި ފުލުހުން އޭގެ ފަހުގެ އެއްވެސް ތާރީޚެއްގައި އުވިގެން ދިޔަކަން ފެންނަންހުރި އެއްވެސް ލިޔުމަކުން އަދި ސާބިތުކުރެވޭކަށް ނެތެވެ. ހަމައެކަނި އެނގެން އޮތްކަމަކީ މ.ބޯއްޑޫ ބޮއި އާދަމް ފުޅު ފަދަ ކުރީގެ ފުލުހުންގެ ފަރާތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) ހުސައިން ޝާކިރު އާއި ހިއްސާކޮށްފައިވާ ބައެއް މަޢުލޫމާތުތަކެވެ.

ކުރީޒަމާނުގައި ނައިބުކަމާއި ހިގައެވެ. (ނައިބުކަމާއި ހިގުމަކީ ވެރިކަމުގެ ފަރާތުން ދީނީ ޝިޔާރު ފާޅުކުރުމުގެ ގޮތުން ކުރެވުނު ދިވެހި އާދަކާދަތަކުގެ ތެރޭގައި ހިގާފައިވާ ކަމެކެވެ. ނައިބުކަމާއި ހިނގުމަކީ ނާއިބު ބޭކަލަކާއި ދޭވާންޏަކާއި ޚާތީބަކާއި ފަސް މުދިން ބޭކަލަކާއި ހިމެނޭ ވަފްދެއްގެ ބޭފުޅުންކޮޅެއް ކޮންމެ އަހަރެއްގެ ރަޖަބް މަހުގެ 6 ވަނަ ދުވަހު ހެނދުނު ފަޑިޔާރުގެއިން (މަޙުކަމަތުއް ޝަރިއްޔާ) ނުކުމެގެން ހަތަރު އަވަށު މައިޒާން ގޭދޮށަށް ހިގައި ދީނީ ނަސޭޙަތްދީ، ފަތްކޮޅުކިޔާހެދުމަށް ކިޔާ ނަމެކެވެ.) އެއްއަހަރަކު ނާއިބްކަމާއި ހިނގިއިރު މައިޒާންގެދޮށް ބެލެހެއްޓުމަށް ތިބީ ފުލުހުންނެވެ. ނާއިބު ބޭކަލުން ފަތްކޮޅު ކިޔުމަށްފަހު ފަސްވަގުތު އަޅާފައިހުރި މީހަކު ހުރިނަމަ ތެޅުމަށް ނިކުތުމަށް އެންގުމުން ހަތަރު އަވަށިގެ މައިޒާންދޮށް ބަލަހައްޓަންތިބި ފުލުހުންގެ މީހުންގެ ތެރެއިންވެސް ފަސްވަގުތު އަޅާފައިތިބި ބަޔަކު ތެޅެން ނިކުތެވެ. އަދި ނާއިބް މަނިކުފާނު އެންގުމުން އެމީހުން (ދުއްރައިން ތަޅަންޖެހޭތީ) ލައިގެންތިބި ފުލުސް ލިބާސް ބާލައިގެން ނިކުމެ ތެޅުނީއެވެ. އަނެއްބަޔަކު ނާއިބް މަނިކުފާނަކަށްވެސް ލިބާސް ބާލާކަށް ނޭންގޭނެ ކަމަށާއި، ލިބާސް ބާލާން އެންގޭނީ ހަމައެކަނި އޭރުގެ މަހުކަމަތުލް އަސްކަރިއްޔާގެ ވެރިޔާ މުޙައްމަދު ފަރީދު ދީދީ (ފަހުން އައްސުލްޠާން މުހައްމަދު ފަރީދު ލް އައްވަލް) އަށޭ ބުނެ ލިބާސް ނުބޭލުމުން ފުލުހުންގެ ލިބާހުގެ ހުރުމަތަށްޓަކައި ނުތަޅާ ދޫކޮށްލީ އެވެ. އެދުވަހު ނާއިބްކަމާއި ހިނގާ ނިމުނުފަހުން ފުލުހުން ބަޑޭރިގެއަށް އެއްކުރައްވައި ނާއިބްކަމާއި ހިނގިމީހުން އެންގުމުން ތެޅެން ފުލުސް ލިބާސް ބޭލީ ކޮންބައެއްތޯ ބައްލަވާ އެކަމާއި ކޯފާވެގެން ލިބާސް އަތުލައްވާ ލިބާސް ބޭލިމީހުން ގެއަށް ފޮނުއްވާ ލައްވާ ނާއިބް މަނިކުފާނު އަންގަވައިގެން ތެޅެން ލިބާސް ނުބޭލި މީހުން ސިފައިންގެ ތެރެއަށް ވެއްދެވިއެވެ. މިގޮތަށް ފުލުސް ލިބާސް ނުބާލައިގެން ސިފައިން ތެރެއަށް ވެެއްދި މީހުންގެ ތެރޭގައި އައްޑޫގެ ދޫނި އަދިވެސް ބައެއް މީހުން ވެއެވެ.
އެޒަމާނުގެ ފުލުހެއްކަމަށްވާ މ.ބޯއްޑޫ ބޮއި އާދަމް ފުޅު މިވާހަކައަކީ ތާރީޚީގޮތުން ބުރަދަނެއްހުރި ޙަޤީޤީ ވާހަކައެއްކަމުގައި ވެއްޖެނަމަ 29 މާރިޗު 1933 ވަނަ އަހަރު އުފެދުނު ދިވެހި ފުލުހުންގެ ނިމުން އައި ގޮތަކީ މިއީއެވެ. އަދި އެދުވަހުން ފެށިގެން އޭރު ފުލުހުން ކުރަމުން އައި ރަށުތެރެ އާއި ބާޒާރުމަތި ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު ދިވެހި ސިފައިންގެ ބޮލުގައި އެޅުނީއެވެ. އިސްވެ ދެންނެވުނު ފަދައިން ފެންނަންހުރި ލިޔުންތަކުގެ އަލީގައި ދަންނަވަން ޖެހެނީ ދިވެހި ފުލުހުން އުފެދިގެން އައިއިރު، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންނަކީ މުޅިން ދެބައެއް ކަމެއް ކަމުގައެވެ. މިއަދުގެ މުހައްޒިބް ޤަޢުމުތަކުގައިވާފަދައިން އެއްބަޔަކު އަނެއްބަޔަކާއި އިދާރީގޮތުންނާއި މެނޭޖްމަންޓް ގޮތުން ވަކިކުރެވިފައިވާ ވަކި އޮގަނައިޒޭޝަނެއްކަމުގައެވެ. ޚިދުމަތުގެ ތަފާތު ދެބައެއްގެ ގޮތުގައެވެ. އޭރު ފުލުހުންނާއި ސިފައިން އެއްފުރާޅެއްގެ ދަށުން މަސައްކަތްކުރަމުން ދިޔަ ނަމަވެސް ފުލުހުންގެ އަސްލު މަސައްކަތް ކަމުގައިވާ ތަޙްޤީޤްކުރުމާއި ރަށުތެރޭގެ އަމާން ބެލެހެއްޓުމުގެ އިތުރަށް ފުލުހުން ސިފައިންގެ ލަޝްކަރާއެކު، ޕެރޭޑްކުރުން ފަދަ ކަންކަންވެސް ކުރިއަށް ގެންދިޔައެވެ. ހަމަ އެހެންމެ ރަށުތެރެ ބެލެހެއްޓުމުގެ ކަންކަމުގައި ސިފައިންވެސް ޙަރަކާތްތެރިވެއެވެ. ދެބައިމީހުންނަށް ދެވޭ ތަމްރީންތައްވެސް ހަމަ އެއްކަހަލައެވެ.
22 ޑިސެންބަރު 1932 ވަނަ އަހަރު ދިވެހިރާއްޖޭގައި އުފެއްދި ފުރަތަމަ ޤާނޫނީ އަސާސީގެ ދަށުން 29 މާރިޗު 1933 ގައި ފުލުހުން އުފެދިގެން ދިޔަނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ފުލުހުންގެ މަސައްކަތް ސިފައިންވެސް ކުރަމުން ގެންދިޔައެވެ. ނަމަވެސް ދެވަނަ ފަހަރަށް ސިފައިންގެ ތެރެއިން ވަކި ބަޔަކު ޚާއްސަކުރެވިގެން ފުލުސް މީހުންގެ ގޮތުގައި ވުޒާރަތުލް ދާހިލިއްޔާގައި ރަޖިސްޓްރީކުރެވި ފުލުހުންގެ ޚިދުމަތް ދޭން ފަށާފައިވަނީ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްއަމީރު އިބްރާހިމް ނާޝިރުގެ ވެރިކަމުގައި 13 މާރިޗު 1972 ގައެވެ. އޭރު ފުލުހުންގެ މަސައްކަތް ހިނގަމުންދިޔައީ، ގުޅަކުޅޭފަސްގަނޑަށް ކުރިމަތިވާގޮތަށް އުތުރުގައި ބަނޑޭރިގެއާ އިންވެގެން ހުރި ކުޑަ އޮފީހެއްގައެވެ. ފެހި އޮފީހުގެ ނަމުން މަޝްހޫރުވެފައިވާ މިތަނުގައި ފުލުހުންގެ މަސައްކަތް ފެއްޓި ހިސާބުން ފެށިގެން ފުލުހުންގެ ޚިދުމަތް ދުވަހެއް ދުވަހަކަށް އައީ ތަރައްޤީވަމުން ފުޅާވަމުން ކުރިއަރަމުންނެވެ. އެކިމައްސަލަތަކުގައި ޙާސިރު ކުރެވޭ މީހުންވެސް އިށީދެލާނެ ގޮނޑިއެއްވެސް އެތަނުގައި ނުހުންނާތީ ތިބެންޖެހެނީ ކޮޅަށެވެ.
ފުލުސް އޮފީސް ޤާއިމްކުރެވުން

ފެހި އޮފީހުގައި ކުރަމުން އައި ފުލުހުންގެ މަސައްކަތް، ބަނޑޭރިގޭ (މިހާރު ސިފައިންގެ މަރުކަޒު) މަތީގައި ހުރި ކޮޓަރިއަކަށް 1970 ގެ އަހަރުތަކުގެ ކުރީކޮޅު ބަދަލުކުރެވުނެވެ. ފެހި އޮފީހުގެ ބަދަލުގައި މިތަނަށް ފުލުސް އޮފީސް ނުވަތަ ފުލުހުންގެ އޮފީސް މިނަން ކިޔަން ފެށުނެވެ. ނަމަވެސް މިތަނަކީވެސް ޖާގައިގެ ގޮތުން ވަރަށް ކުޑަ ކޮޓަރިއެއްވަރުގެ ތަނަކަށްވާތީ، މައްސަލަ ހުށަހަޅަން އަންނަ މީހުންނަށްވެސް އަދި އެކމައްސަލަތަކުގައި ޚާޞިރުކުރެވޭ މީހުންވެސް އިށީދެލާނެ ގޮޑިގަނޑެއްވެސް އެތަނުގައި ނުހުންނާތީ ތިބެންޖެހެނީ ކޮޅަށެވެ. ފުލުހުންގެ ޚިދުމަތް މިހާދަތި ޚާލެއްގައި ދެމުންދަނިކޮށް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި އަލްއުސްތާޛު މަޢުމޫން އަބްދުލް ޤައްޔޫމް ޙަވާލުވެ ވަޑައިގަތުމަށްފަހު ، މިޤައުމުގެ ތަރައްޤީއަށާއި، ސަރުކާރުގެ ހިންގުމުގެ ދާއިރާއަށް ގެންނަވަންފެއްޓެވި އިޞްލާހަކީ ބަދަލުތަކުގެ ތެރެއިން ފުލުހުންގެ ޚިދުމަތް ކުރިއަރުވާ ތަރައްޤީކުރުމަށްވެސް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް، ދިވެހި ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންއިރު، ފުލުހުންގެ ޚިދުމަތް ދެމުން އައި އޮފީހަކީ، އެފަދަ ޚިދުމަތެއް އެންމެ އެކަށީގެންވާގޮތެއްގައި ފޯރުކޮއްދެވޭވަރަށްވުރެ ޖާގައިގެ ގޮތުން މާކުޑަތަނަކަށްވާތީ، ބަނޑޭރިގެއާއި އިންވެގެން އިރަށް އޮތް ބައިގައި ފުލުހުންނަށް ޙާއްޞަ ކޮށްގެން އިމާރާތެއް ހައްދަވައިދެއްވާ، 01 ޖެނުއަރީ 1985 ގައި އެޢިމާރާތަށް ފުލުސް އޮފީސް ބަދަލުކުރެވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މެދުގައި އޮތް ޞުލްޙަ މަޞްލަޙަތު އިތުރަށް ހަރަދަނާކުރުމަށްޓަކައި، ސިފައިންގެ ޙިދުމަތަށް މީހުން އިތުރުވަމުންދިޔަވަރަކަށް ފުލުހުންގެ މަސައްކަތަށްވެސް މީހުން އިތުރު ކޮއްދެއްވަން ފެއްޓެވިއެވެ. އަދި ޒަމާނާއި އެކަށޭނެ ތަޢްލީމާޢި ތަމްރީން ފުލުހުންނަށް ދޭންފެށުނެވެ. އަދި 1992 ވަނަ އަހަރު އިނގިރޭސިވިލތުން ޕޮލިސް އިންސްޕެކްޓަރެއް ގެނެވި ފުލުހުންގެ ޚިދުމަތް ޒަމާނާއެކަށޭނެގޮތަށް ބައްޓަން ކުރުމުގެ މަސައްކަތްކުރެވުނެވެ.
އިންސްޕެކްޓަރ ޑޭވިޑް ޕްރައިޒް

1992 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޕޮލިސް އިންސްޕެކްޓަރެއްކަމަށްވާ އިންސްޕެކްޓަރ ޑޭވިޑް ޕްރައިޒް ގެންނަވައިގެން ފުލުހުންގެ ޚިދުމަތް ޒަމާނާއެކަށޭނެގޮތަށް ބައްޓަން ކުރުމުގެ މަސައްކަތްކުރެވުނެވެ. އޭގެ ކުރިން ފުލުސް އޮފީހަށް އާންމުން ފޯނުން ޝަކުވާ ހުށަހެޅުމުން ބެލުމަށްޓަކައި އޭރު ދާން ތިބެނީ " ބޭރަށްދާ މީހުން " ނެވެ. އެމީހުން ގޮސް އެތަނެއް ބަލާފައި އައިސް ދޭމަޢްލޫމާތެއްގެ މައްޗަށް ބަލައިގެންތަޙްޤީޤު ކުރަނީއެވެ. އިންސްޕެކްޓަރ ޑޭވިޑް ޕްރައިޒް ހިންގެވި ކޯސްތަކާއި މުޅި ނިޒާމަށް ގެންނެވި ބަދަލާ ގުޅިގެން ކުރިޔާ ޚިލާފަށް މައްސަލަތައް ތަޙްޤީޤު ކުރެވޭ ސްޕީޑްއަވަސްވެ ، ދެވޭ ޚިދުމަތް އެތައް ގުނައަކަށް ހަލުވި ވެގެން ދިޔައެވެ. ޕޮލިސް ހެޑްކްއޯރޓާރޒްގެ ޑިއުޓީތައްވެސް ކުރިން އޮތްގޮތުގެ ބަދަލުގައި ތަފާތު ގޮތަކަށް ބަދަލުކުރެއްވިއެވެ. ފުލުހުންގެ އިދާރީ އޮނިގަނޑަށް ބަދަލުގެންނަވައި 24 ގަޑިއިރު މާލެތެރެ ޕެޓްރޯލް ކުރެވޭނެގޮތަށް ޕެޓްރޯލް ޑިއުޓީ އުފައްދަވައި ވަގުތުން ސީންތަކަށް ދެވޭގޮތަށް އެޑިއުޓީތަކާއި ހަވާލުވެ ހުންނަވާނެ ޕެޓްރޯލް ސާރޖެންޓްުގެ ނަމުގައި 24 ގަޑިއިރު އަންނަ ކޯލްތަކަށް ޖަވާބުދެވޭވަރުގެ ސީނިއަރ ބޭކަލަކު ޑިއުޓީގައި ހުންނަވާގޮތަށް ހަމަޖެއްސެވިއެވެ.
ފުލުހުންގެ ޚިދުމަތް ތަރައްޤީވާން ފެށުން
11 ނޮވެންްބަރު 1978 ގައި ސިފައިންގެ ޚިދުމަތަށް އިތުރު ތަޢުލީމީ ޒުވާނުން ގެންނެވުމާއި ގުޅިގެން ސިފައިންނާއި ފުލުހުންގެ ކަންތައްތައް އެޒަމާނާ ގުޅޭގޮތުން ތަރައްގީ ކުރުމުގެ މަސައްކަތް ފެށުނެވެ. އެގޮތުން ސިފައިންނާއި ފުލުހުންގެ ޚިދުމަތަށް ރެކްރޫޓް ކުރެވޭ މީހުންގެ އަސާސީ ތައުލީމުގެ ފެންވަރު ހުރިތޯ ބެލުމުގެގޮތުން، މިންގަނޑުތަކެއް ކަނޑައެޅުނެވެ. އެއަށްފަހު ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ތަޢުލީމާ ތަމްރީނު ހޯދައިދިނުމުގެ މަސައްކަތް ފެށިގެން ދިޔައެވެ. ފަސްޓް ލެފްޓިނެންޓް އާދަމް ޒާހިރު ޕޮލިސް ހެޑްކުއޯރޓާރޒްގެ ހިންގެވުމާ ހަވާލުވެ ވަޑައިގަތީ 1979ގެ މެދެއްހާ ހިސާބުގައެވެ. އޭގެ ދުވަސްކޮޅެއް ފަހުން އެހީތެރިއެއްގެ ގޮތުގައި ހަމަޖެއްސެވީ ލެފްޓިނެންޓް އަހުމަދު ނަޢީމް މުހައްމަދެވެ. އެ ތާރީޚުން ފެށިގެން ފުލުހުންނަކީ މަސައްކަތުގެ މައިދާނުގައި ފައިތިލަ ސާބިތު ކުރެވޭ ވަރުގެ ޤާބިލް ބަޔަކަށް ހެއްދެވުމަށް ފަސްޓް ލެފްޓިނެންޓް އާދަމް ޒާހިރު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރެވިއެވެ. އެގޮތުން ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ވަޞީލަތްތައް ޤާއިމް ކުރެއްވުމުގެ ގޮތުން ފޮރެންސިކް ދާއިރާއިން މީހުން ތަމްރީނުކޮށް ފުލުހުންނަށް ބޭނުންވާ ޕޮޓޯގުރަފީގެ ޚިދުމަތް ޤާއިމް ކުރެއްވިއެވެ. އަދި ފުލުހުންނަކީ ޤާނޫނީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެ ގޮތުން ތަފާތު ކޯސްތައް ހިންގަވައި އިންސާނީ ވަޞީލަތް އެވަގުތަކަށް ތަރައްޤީ ކުރެވެން އޮތް މިންވަރަކަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ދިވެހި ފުލުހުންގެ ބައިނަލް އަޤްވާމީ މަޝްރަހުގައި ފައިތިލަ ސާބިތު ކުރުމުގެ ފުރުޞަތު ލިބިގެން ދިޔައީ 1984 ސެޕްޓެންބަރު 04 ގައި އިންޓަޕޯލްގެ މެމްބަރަކަށް ދިވެހިރާއްޖެ ވުމާ ގުޅިގެންނެވެ.
ފުލުހުންގެ ޔުނީފޯމް

ފުލުހުންނާއި ސިފައިން އެންމެ ފުރަތަމަ ބޭނުންކުރި ޔުނީފޯމް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ދުވާލު ބޭނުންކުރާ ޔުނީފޯމަކާއި ރޭގަނޑަށް ބޭނުންކުރާ ޔުނީފޯމެކެވެ. ދުވާލު ބޭނުންކުރާ ޔުނީފޯމްގައި ހިމެނެނީ ހުދު ކޯޓާއި ހުދު ފަޓްލޫނެވެ. ބޮލުގައި ތުރުކީ ތާކިހަލަކާއި، ކަމަރާއި ބޫޓް ހިމެނެއެވެ. ރޭގަނޑަށް އަޅާ ޔުނީފޯމްގައި ހިމެނެނީ ރަތްކުލައިގެ ކޯޓާއި ރަތްކުލައިގެ ފަޓުލޫނެވެ. ބޮލުގައި އަޅާނީ ތުރުކީ ތާކިހަލެކެވެ. އަދި ކަމަރާއި ބޫޓް ހިމެނެއެވެ. މިޔުނީފޯމްގެ ގިރުވާނާއި ގޮއްފޮއްޗާއި، ޖީބް މަތިން މަޅާލާބަޔާއި، އަތުކުރިއާއި އަތުގެ މަތިން ރޫނަގާ ދިމާއިން އަތުގެ ދިގަށް އައިސް އަތުކުރީ ފޮތިގަނޑު ކައިރިން ބޮޅެއްވާގޮތަށް ހުދުފަށެއް އަޅާފައި ވެއެވެ. އަދި ފްޓްލޫނުގެ ބޭރު ފަތީކައިރިން ދިގަށް ހުދުފަށެއް އަޅަފައިވެއެވެ.
އަދި އޭގެފަހުން ވައްތާކިހަލަކާއިއެކު ގޮއްފޮއްޗާއި ގިރުވާނާއި، އަތުކުރީގައި ކަޅުފަށްއެޅި، ކަޅުއަކުރުން އެލްޖަހައި (ލައިޓް އިންފެންޓްރީ) ޖެހި ހުދުލިބާހާއި، މުންދު ބޭނުންކުރިއެވެ. މީގެއިތުރުންވެސް 1970 އާއި ހަމައަށް ތިން ފަހަރެއްގެ މަތިން ޔުނީފޯރމަށް ބަދަލު ގެނެވިފައިވެއެވެ.
ފުލުހުންގެ ޔުނީފޯމް ތަރައްޤީވާން ފެށުން

1979 ޖޫން 6 ވަނަ ދުވަހު، ސިފައިންގެ ސެރެމޯނިއަލް ޔުނީފޯމް އުފައްދައި ބޭނުންކުރަން ފެށުނެވެ. އަދި ހަމަ އެތާރީޚުގައި ރޫޓް މާރޗްގައި ކޮމާންޑް ކުރާ އޮފިސަރާއި އެހެނިހެން އޮފިސަރުން މާރޗްގައި ބޭނުންކުރާ ޔުނީފޯރމް ކަނޑައަޅާ ބޭނުންކުރަން ފެށުނެވެ. 1979 ޖުލައި 26 ވަނަ ދުވަހު، ފުލުހުންނާއި ސިފައިންގެ އާދައިގެ ޑިއުޓީތަކުގައި ބޭނުންކުރާ ޔުނީފޯރމެއް އުފައްދައި ބޭނުންކުރަން ފެށުނެވެ. 1979 ޖުލައި 26 ވަނަ ދުވަހު، ފުލުހުންނާއި ސިފައިން ތަމްރީނުތަކުގައި ބޭނުންކުރާ ޔުނީފޯރމެއް އުފައްދައި ބޭނުންކުރަން ފެށުނެވެ. 1980 މާރޗް 15 ގައި އޭ.ޑީ.ސީ ޔުނީފޯރމް 1 އުފެދުނެވެ. 1980 ޖުލައި 26 ގައި ކަލަޕާރޓީ ޔުނީފޯރމް އުފައްދައި ބޭނުންކުރަން ފެށުނެވެ. 1982 ޖޫން 6 ވަނަ ދުވަހު، ބިޔުގަލް މޭޖަރގެ ޔުނީފޯރމެއް ކަނޑައަޅާ ބޭނުންކުރަން ފެށުނެވެ.
1983 އެޕްރީލް 24 ވަނަ ދުވަހު، މޮޓޯކޭޓް ޔުނީފޯރމެއް ކަނޑައަޅައި ބޭނުންކުރަން ފެށުނެވެ. ހަމަ މިތާރީޚްގައި ސެރެމޯނިއަލް ޔުނީފޯރމް 2 އުފައްދައި ބޭނުންކުރަން ފެށުނެވެ. 1983 ސެޕްޓެމްބަރ 6 ވަނަ ދުވަހު، އޭ.ޑީ.ސީ ޔުނީފޯމް 2 (މެސް ޑްރެސް) ބޭނުންކުރަން ފެށުނެވެ. މިއީ ރޭގަނޑު ރަސްމީ ފަރިއްކޮޅު، ރިސެޕްޝަން ފަދަ ކަންކަމުގައި ފުލުހުންނާއި ސިފައިންގެ އޮފިސަރުން ބޭނުންކުރާ ޔުނީފޯރމެވެ. (މިޔުނީފޯރމަކީ ވަކި ހާލަތެއްގައި ފުލުހުންނާއި ސިފައިންގެ ސީނިއަރ އެން.ސީ.އޯއިން ބޭނުންކުރާ ގޮތަށް ހަމަޖެހިފައިވާ ޔުނީފޯރމެކެވެ.)
ފުލުހުންނާއި ސިފައިންގެ ފަށްއެޅި ގަމީހުން ކުލަ ގަމީހަށް ބަދަލުވުން

ދިވެހިރާއްޖެގެ ޤާނޫނު އަސާސީ ފުރަތަމަ ފަހަރަށް އުފެދިގެން ދިއުމާއެކު 1933 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ މިޤާނޫނު އަސާސީގެ ދަށުން ފުރަތަމަ ފަހަރަށް ފުލުހުން އުފެދިގެން ދިއުމާއެކު ފުލުހުން ބޭނުންކުރަން ފެށި ޔުނީފޯމަކީ ފަށްއެޅި ލިބާހެވެ. ފުލުހުންނާއި ސިފައިން ފަށްއެޅި ލިބާސް ބޭނުންކުރާތާ ދުވަސްތަކެއް ވުމަށްފަހު ފަށްގަމީސް ބޭނުންކުރަންފެށީ، 1958 އެޕްރީލް 12 ވަނަ ދުވަހުން ފެށިގެންކަމަށް ވެއެވެ.
1987 ޖޫން 6 ވަނަ ދުވަހު، ފުލުހުންނާއި ސިފައިންގެ ތެރެއަށް 3 އަހަރުވެފައިވާ މީހުންނަށް އާދައިގެ ކުލަގަމީސް ލައިގެން އުޅުމުގެ ހުއްދަ ރައީސުލް ޖުމްހޫރިއްޔާ އަދި ފުލުހުންނާއި ސިފައިންގެ އެންމެ މަތީވެރިޔާ ދެއްވައިފިކަމަށް އެދުވަހު އޮތް ޚާޢްޞަ ޖަލްސަގައި ފުލުހުންނާއި ސިފައިންގެ ވެރިޔާގެ ނައިބް އަލްފާޞިލް އިލްޔާސް އިބްރާހިމް އިޢުލާންކޮށް ދެއްވިއެވެ.
މިހުއްދަ ލިބުމުގެ ކުރިން ފުލުހުންނާއި ސިފައިންގެ އެއްވެސް މީހަކު ކުލަ ގަމީސް ލައިގެން ބޭރުގައި އުޅުމަކީ ސިފައިންގެ ޤަވާއިދުގައި މަނާކަމެކެވެ. ނަމަވެސް، 1988 ގެ އުދުވާނީ ޙަމަލާއާއި ގުޅިގެން ފުލުހުންނާއި ސިފައިން ސިފައިންގެއިން ބޭރުގައި އުޅޭއިރު ކުލަހެދުމުގައި އުޅުން ޢާންމު ވިއެވެ. 2004 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ފުލުހުން ވަކި މުއައްސަސާއަކަށް ބަދަލުވުމާއެކު ފުލުހުން ބޭނުންކުރަމުންދާ ޔުނީފޯރމްތަކަށް ބަދަލު އައެެވެ.
ފުލުހުންގެ ބައެއް ޚިދުމަތްތަކުގެ ފެށުން
އިންޓަރޕޯލްގެ ޚިދުމަތުގެ ފެށުން
އިންޓަޕޯލްގެ މެމްބަރަކަށް ދިވެހިރާއްޖޭ ވީ 1984 ވަނަ އަހަރުގެ ސެޕްޓެމްބަރ 04 ވަނަ ދުވަހުއެވެ. 05 އޮކްޓޯބަރު 1998 ވަނަ ދުވަހުން ފެށިގެން އިންޓަރޕޯލް އިންފޮމޭޝަން ބިއުރޯއިން ވަކިކުރެވި ބިއުރޯއެއްގެ ގޮތުގައި ހަމަޖެހުނެވެ. އަދި 2000 ވަނަ އަހަރުން ފެށިގެން އިންޓެލިޖެންސް މަސައްކަތް ކުރުމަށްޓަކައި ''އޮމެގާ'' ގެ ނަމުގައި އުފައްދާފައިވާ ވަކި ޔުނިޓެއްގެ ދަށަށް އިންޓަރޕޯލްގެ މަސައްކަތް ބަދަލުކުރެވުނެވެ. އަދި 2004 ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމާއެކު އިންޓަރޕޯލް ހިގަމުން އަންނަނީ އިންޓެލިޖެންސް ގެ ނަމުގައި އުފައްދަފައިވާ ވަކި ޑިޕާރޓްމަންޓެއްގެ ދަށުންނެވެ.
އިންޓަޕޯލްގެ މެމްބަރަކަށް ދިވެހިރާއްޖެ ވުމަށްފަހު ރަސްމީކޮށް އިންޓަޕޯލްގެ ޚިދުމަތް ހޯދަން ފެށިފައިވަނީ ފުލުހުން ވަކި މުއައްސަސާއަކަށް ބަދަލުވީފަހުންނެވެ. 7/124 ސްފްޓްވެއަރ މެދުވެރިކޮށް އިންޓަރ ޕޯލްގެ ހުރިހާ މެމްބަރު ޤައުމުތަކާ މުއާސަލަތު ކުރަންފަށާފައިވަނީ 19 ޑިސެމްބަރ 2004 ގައެވެ.
ފުލުހުންގެ ޚިދުމަތް، މުޅިރާއްޖެއަށް ފުޅާވެގެންދިއުން

1992 ގައި ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުނުއިރު، ފުލުހުންގެ ޚިދުމަށް ފޯރުކޮއްދެމުންއައީ މާލެއަށްކަމުގައިވިޔަސް، ދިވެހި ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ޚާއްޞަ ޖަލްސާގައި ވާހަކަ ފުޅުދައްކަވަމުން، ފުލުހުންނާއި ސިފައިންގެ ޚިދުމަތް ވީހާގާތުން އަވަހަށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މުޅިރާއްޖެއަށް ފުލުހުންނާއި ސިފައިންގެ ޚިދުމަތް ފުޅާކުރައްވަން ބޭނުންފުޅުވާކަން ފުލުހުންނާއި ސިފައިންގެ އެންމެ މަތީ ވެރިޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމް އިޢުލާން ކުރެއްވިއެވެ. އަދި އެމަނިކުފާނުގެ އެ ނިންމެވުމާއި ގުޅިގެން ފުލުހުންނާއި ސިފައިންގެ ޚިދުމަތް މުޅިރާއްޖެއަށް ފުޅާކޮށް ދެވޭޙިދުމަތުގެ ފެންވަރުމަތިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށުނެވެ. މިގޮތުން މާލޭގައި ވިލީ ފުލުސްތައް ހަދާ ރާއްޖޭގެ އަތޮޅުތަކުގައި ފުލުހުންނާއި ސިފައިންގެ މަރުކަޒުތައް ޤާއިމުކޮށް އެތަންތަނުން އެއަތޮޅުތަކަށާ ސަރަޙައްދުތަކަށް ފުލުހުންގެ ޙިދުމަތް ދޭންދެށިއެވެ. މިގޮތުން ރާއްޖެތެރޭގައި ހުޅުވުނު އެންމެ ފުރަތަމަ ސްޓޭޝަން، ރީޖަނަލް ހެޑްކްއޯރޓާރޒް ކައްދޫ ހުޅުވިފައިވަނީ 25 ނޮވެންބަރު 1993 ގައެވެ.
މުޅިރާއްޖެއަށް ފުލުހުންގެ ޙިދުމަތް ފޯރުކޮށްދެއްވުމަށް ފެއްޓެވި ޕްރޮގްރާމްގެ ދަށުން، ބ.އޭދަފުށި، އދ.މަހިބަދޫ، އއ.ރަސްދޫ، ޏ.ފުވައްމުލައް، އަދި ހދ.ކުޅުދުއްފުށީގައި ޒަމާނީ ފެންވަރުގެ މަރުކަޒުތައް ޤާއިމްކުރެވި އެތަންތަނުގައި ފުލުހުންގެ ޚިދުމަތް ދެވެން ފެށްޓުމުގެ އަމާޒަކަށްވީ ދިވެހި ފުލުހުންގެ ޚިދުމަތް ރައްޔިތުންނާއި ވީހާވެސް ގާތުން އަތޮޅުތަކަށް ފޯރުކޮށްދިނުމެވެ. ދިވެހި ފުލުހުންގެ މުއައްސަސާ މަދަނީ ޚިދުމަތަކަށް ބަދަލުވި ހިސާބުން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޕޮލިސް ސްޓޭޝަނެއް ޤާއިމްކުރުމާއި، އާބާދީބޮޑު ކޮންމެރަށެއްގައި ޕޮލިސް ޕޯސްޓެއް ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ފެށިގެންދިޔައެވެ.
ކޮމިއުނިޓީ ޕޮލިސިންގގެ ފެށުން

ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގ ފަލްސަފާގެ ޚިޔާލު ފުލުހުންގެ ތެރެއަށް ތަޢާރަފްވީ، 1995 ގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ. އެއީ ޖައިކާ (ޖަމާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ) އާއި ސިންގަޕޯރ ޕާރޓްނަރޝިޕް ޕްރޮގުރާމްގެ ދަށުން ސިންގަރޕޯގައި އޮތް ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގ އާ ބެހޭ ވާރކްޝޮޕެއްގައި ބައިވެރިވެ ވަޑައިގަތުމަށް ސީނިއަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) ޢަބްދުއްޝަކޫރު ޢަބްދުﷲ ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ. މި ދުވަސްވަރަކީ، ފުލުހުންނާއި ސިފައިން އެއް މުއައްސަސާއެއްގެ ގޮތުގައި އޮތް ދުވަސްވަރެވެ.
އެސް.ޑީ.ސީ.ޕީ ގެ ދަތުރުފުޅާބެހޭ ގޮތުން ހުށަހެޅުއްވި ރިޕޯރޓްގައި މި އާ ފަލްސަފާގެ އަހަންމިއްޔަތު ބަޔާންކުރައްވާފައިވެއެވެ. ރާއްޖެ ފަދަ ކުޑަ އަދި މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އޮންނަ ގާތްގުޅުމުގެ މިންވަރު ބޮދު ޤައުމަކަށް އެފަދަ ޚިދުމަތެއްގެ މުހިންމުކަން ބަޔާންކުރައްވާ ފައިވެއެވެ. އެއަށްފަހު ޖަމާއަތާ ގުޅިގެން މަސައްކަތް ކުރާނެ ޕޮލިސް ޕޯސްޓްތަކެއް ''ވިލީ ފުލުސް'' ގެ ނަމުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ޤާއިމް ކުރުމުގެ މަސައްކަތް ފެށުނެވެ.
ވިލީފުލުސްތައް އުފެދުން

މިހާރު މާލޭގެ އަވަށް އަވަށުގައި ޕޮލިސް ސްޓޭޝަންގެ ގޮތުގައި ހިންގެމުންދާ ތަންތަން އުފެދުނީ ''ވިލީ ފުލުސް'' މި ނަމުގައެވެ. މާލޭގައި އެންމެ ފުރަތަމަ އުފެދުނު ވިލީ ފުލުހެއް ހުޅުވުނީ 11 ނޮވެމްބަރ 1997 ގައެވެ. ވިލީފުލުސް ޢިމާރާތްތަކަކީ، ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގގެ ޢަމަލީ ފެށުމެވެ. އެފަލްސަފާ ތަޢާރަފް ކުރުމުގެ ގޮތުން އެޅުނު ފުރަތަމަ ފިޔަވަޅެވެ.
ވިލީ ފުލުސް 1 ޤާއިމްރެވުނީ ސިނަމާލެ 3 ގެ ބައެއްގައެވެ. މިސިލްސިލާގެ ދަށުން 26 ފެބްރުއަރީ 1998 ގައި ވިލީފުލުސް 2 ދިވެހިރާއްޖޭގެ އަޑުގެ ކުރިމަތީގައި އޮންނަ ހުސްބިމުގައި ޢިމާރާތް ކުރެވުނެވެ. ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން ވިލީފުލުސް 02 ވަނީ އުވާލާފައެވެ. 03 ނޮވެމްބަރ 1998 ގައި ވިލީފުލުސް 3 ތާޖުއްދީން ސްކީލާއި އައި.ޖީ.އެމް.އެޗާއި ދެމެދުގައިވާ ހުސްބިމުގައި ހުޅުވުނެވެ. އަދި 25 ފެބްރުއަރީ 1998 ން ފެށިގެން 30 މެއި 1998 ށް ވިލީ ފުލުސް ތަކުގައި މަސައްކަތްކުރާ ފުލުހުންނަށް ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގގެ ހުނަރުތައް އިތުރު ކުރުމުގެ މަޤުޞަދުގައި ކްލާސްތަކެއްވެސް ހިންގިފައިވެއެވެ.
ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގ އާއި ވިލީ ފުލުސްތައް

ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސންގ ފަލްސަފާގެ ދަށުން ރައްޔިތުންނަށް އެހީތެރިވުމު ހަރަކާތްތަކެއް އެންމެ ފުރަތަމަ ހިންގަންފެށިފައިވަނީ ވިލީ ފުލުސްތަކުންނެވެ. ސްކޫލްތަކަށް ޒިޔާރަތްކުރުމެވެ. މާލޭގެ ފިހަރަތަކުގެ ވެރިފަރާތްތަކާއި، ރަހްމަތްތެރިކަން އުފެއްދުމެވެ. ފިހާރަޔަށް ގެއްލުމެއް ލިބިފައިވަނިކޮށް ފުލުހުންނަށް ފެނިއްޖެނަމަ ވަގުތުން ވެރިފަރަތަށް އެންގުމަށް މަގުފަހިކުރުމަށްޓަކައި، އެފަރާތްތަކާއިގުޅޭނެ ފޯނު ނަމްބަރުތައް ނޯޓްކުރެވުނެވެ. އެއް އަހަރު ދުވަހުގެ މުށްދަތަށް ، ރޭވިގެން ހިންގުނު އެލް.އެސް ހިންގަފައިވަނީ ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައެވެ. މަދުވެގެން ހަފްތާއަކު، 2 ސްކޫލަށް ޒިޔާރަތް ކޮށްގެންނެވެ. މިރޫޚްގައި މާލޭގެ ގޭގެއަށް ޒިޔާރަތްކޮށް ބައެއް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭން ފެށުނެވެ. އަވަށް އަވަށުގައި ހިނގާ އިޖްތިމާއީ ޤައުމީ ޙަރަކާތްތަކުގައި ފުލުހުން ޢަމަލީގޮތުން ބައިވެރިވާން ފެށުނެވެ. އެހެންނަމަވެސް މި ދުވަސްވަރު މި ޙަރަކާތްތައް ހިނގަމުންދިޔައީ މުޅި މުއައްސަސާގައި ކޮމިޔުނިޓީ އޮރިއެންޓެޑް ޕޮލިސިންގ ތަންފީޒު ކުރުމުގެ ރޫޙެއް އުފެދި ކަމާބެހޭ ވަކި، އޮނިގަނޑެއް ، ޕްލޭން އެކުލަވާލެވިގެންނެވެ.
ކޮމިއުނިޓީ ޕޮލިސިންގގެ މަސައްކަތަށް ކޮމިޝަނަރ އޮފް ޕޮލިސް ދެއްވި ސަމާލުކަން

ކޮމިޔުނިޓީ ޕޮލިސް މި ފަލްސަފާއިން ފުލުހުންގެ ޙިދުމަތް ދިނުން ހަރުދަނާ ކުރެވިގެން ދިޔައީ މޯލްޑިވްސް ޕޮލިސް ސަރވިސް ވަކި މުއައްސަސާއަކަށް ބަދަލުވުމާއި ގުޅިގެންނެވެ،. މިބަދަލާއެކު ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަޑް) އާދަމް ޒާހިރު 2005 ވަނަ އަހަރުން 2006 ވަނަ އަހަރުގެ އެޕްރީލް މަހާއި ހަމައަށް މާލޭގެ އަވަށް ކުރިއަރުވާ ކޮމިޓީތަކުގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުންތަކަކީ ކޮމިއުނިޓީ އޮރިއެންޓެޑް ޕޮލިސިންގ ރަނގަޅު ގޮތުގައި ގެންދިއުމަށް އިތުރު ޚިޔާލުތަކެއް ލިބިގެންދިޔަ ބައްދަލުވުންތަކެކެވެ. އަދި ހަމައެއާއެކު އެކި ރަށްރަށުގެ ރަށްކުރިއަރުވާ ކޮމިޓީގެ މެމްބަރުންނާ އެކުވެސް ކޮމިޝަނަރ އެކި ފަހަރުމަތިން ބައްދަލުކުރައްވާ ފުލުހުންގެ ޚިދުމަތް ރަގަޅު ކުރުމަށް ޚިޔާލު ހޯއްދަވާފައިވެއެވެ.
ޓްރެފިކް ޕޮލިސް ތަޢާރަފްކުރުން

މާލޭގައި ޓްރެފިކްގެ ބާރުބޮޑުވެ މިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރުން ބޭނުންވާތީ ރައްޔިތުންނަށް ޓްރެފިކްގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން 1 ޖެނުއަރީ 1999 ވަނަ އަހަރު ޓްރެފިކް ޕޮލިސް ގެ ނަމުގައި ޔުނިޓެއް އުފެދިގެން ދިޔައެވެ. މިޔުނިޓްގެ އިދާރީ މަސައްކަތް އޭރުވެސް ކުރެވެމުން ގެންދަނީ މިހާރުވެސް ޓްރެފިކް ޕޮލިސް އިމާރާތް ހުންނަ އެސް.ޓީއޯ ކޮށީގައި ވިލީފުލުސް 4 ގެ ނަމުގައި ހެދިފައިވާ އިމާރާތުގައެވެ. އޭރު ޓްރެފިކްގައި މަސައްކަތްކުރާ ފުލުހުންގެ އަދަދަކީ 12 އެވެ. އަދި މިޔުނިޓްގައި ޓްރެފިކްގެ މަސައްކަތް ކުރުމަށް ވެހިކަލެއް ލިބިފައި ވީނަމަވެސް އޭރުވެސް ޓްރެފިކްގެ އެންމެހާ ކަންކަން ހިނގަމުންދަނީ އޭރުގެ އެން.އެސް.އެސް ގެ ޕޮލިސް ހެޑްކްއޯޓަރޒްގެ ދަށުން ނެވެ. އަދި ޓްރެފިކް ގެ މައްސަލަތައް ބަލަމުން ގޮސްފައިވަނީ ޕެޓްރޯލް ޑިވިޜަނުންނެވެ. ނަމަވެސް ޓްރެފިކް ޕޮލިސް އުފެދުމުގެ ކުރިން އެން.އެސް.އެސްގެ ދަޢުރު ޓްރެފިކްގެ އެންމެހާ ކަންކަން ކުރަމުން އައިސްފައިވަނީ ޕޮލިސް ހެޑްކްއޯޓަރޒް އާއި ސެކިއުރިޓީ ޑިވިޜަން ގުޅިގެންނެވެ.

މާލޭގައި ޢިމާރާތްކުރެވުނު 04 ވަނަ ވިލީ ފުލުސް އިމާރާތުގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތު 08 މާރޗް 1999 ވީ ހޯމަ ދުވަހު ހެނދުނު 07:00 ގައި އެސްޓީއޯ 5 ނަމްބަރ ކޮށީގައި ސިފައިންގެއަށް ލިބިފައިވާ ސަރަޙައްދުގައި ބޭއްވުނެވެ. މި ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިޔާގެ ނާއިބް މޭޖަރ ޖެނެރަލް ޢަންބަރީ ޢަބްދުއް ސައްތާރެވެ. މިރަސްމިއްޔާތުގައި ޗީފް އޮފް ސްޓާފް ބްރިގޭޑިއަރ މުޙައްމަދު ޒާހިރު އާއި ޑެޕިއުޓީ ޗީފް އޮފް ސްޓާފް ބްރިގޭޑިއަރ އާދަމް ޒާހިރު ބައިވެރިވެ ވަޑައިގަތެވެ. އަދި މީގެއިތުރުން ސިފައިންގެ ބައެއް އޮފިސަރުންނާއި ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޞިލް އިބްރާހިމް މުޙައްމަދު މަނިކާއި، މާލޭ މުނިސިޕަލްޓީގެ ރައީސް އާއި އެތަނުގެ ބައެއް ބޭކަލުން ބައިވެރިވެ ވަޑައިގަތެވެ.
ވިލީފުލުސް 4 ހުޅުވުން

2000 ފެބުރުއަރީ 27 ވީ އާދިއްތަ ދުވަހު ހަވީރު 17:00 ގައި މިވިލީފުލުސް ހުޅުވައިދެއްވީ ސިފައިންނާއި ފުލުހުންގެ އެންމެ އިސްވެރިޔާގެ ނާއިބު މޭޖަރ ޖެނެރަލް ޢަންބަރީ ޢަބްދުއް ސައްތާރު އެވެ. އެސް.ޓީ.އޯ 05 ނަމްބަރ ކޮށިން ސިފައިންނަށް ލިބިފައިވާ ސަރަޙައްދުގައި 1999 މާރޗް 08 ވަނަ ދުވަހު ބިންގާއެޅުނު މިޢިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އެން.އެސް.އެސްގެ ޗީފް އޮފް ސްޓާފް ބްރިގޭޑިއަރ މުޙައްމަދު ޒާހިރު ވިދާޅުވީ އަލަށް މިހުޅުބުވުނު ވިލީފުލުސްގެ ސަބަބުން ސިފައިންގެ ޚިދުމަތް އިތުރަށް ހަރުދަނާވެ ތަރައްޤީ ވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އަދި މާލެއެކޭ އެއްގޮތަށް އަތޮޅު ތަކުގެ ތަފާތު ސަރަޙއްދު ތަކުގައިވެސް ސީދާކޮށް ސިފައިންގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މާލޭގެ ޓްރެފިކް މައްސަލަތައް ޙައްލު ކުރުމަށްޓަކައި އިދާރީ މަރުކަޒެއްގެ ގޮތުގައި ވިލީ ފުލުސް 04 ބޭނުން ކުރެވޭނެ ކަމަށާއި، އަލިފާން ނިއްވުމަށް ޙަރަކާތްތެރި ވާނެ ވެހިކަލެއްގެ ޚިދުމަތް އަބަދުވެސް އެތަނުން ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ތިން ބުރިއަށް ޢިމާރާތް ކުރެވިފައިވާ ވިލީ ފުލުސް 04 އިމާރާތް ކޮށްފައިވަނީ އައިމާ ކޮންސްޓަރަކްޝަންގެ ފަރާތުންނެވެ. މިތަން ޑިޒައިން ކޮށްފައިވަނީ ސިފައިންގެ ސީ.އެމް.އެސްގެ ފަރާތުންނެވެ. މިޢިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ސްޓާފް އޮފިސަރުންނާއި އޮފިސަރުން ބައިވެރިވެ ވަޑައިގަތެވެ. މީގެ އިތުރުން މާލޭ މުނިސިޕަލްޓީގެ ރައީސް އާއި މާލޭގެ އަވަށް އަވަށުގެ ވެރިން ބައިވެރިވިއެވެ.
ފޮރެންސިކްގެ ޚިދުމަތް ފެށުން

ފޮރެންސިކް" މިބަހަކީ ދާދިފަހަކާ ޖެހެންދެން އަޅުގަނޑުމެންގެ ތެރޭން ވަރަށް މަދުބަޔަކަށް ނޫނީ އެނގޭ ބަހެއް ނޫނެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް ވަކި މުއައްސަސާއަކަށް ބަދަލުވުމުގެ ކުރިންވެސް އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ކޮންމެވެސް ސިފައެއްގައި ފޮރެންސިކް ޢިލްމް ބޭނުންކުރެއެވެ. ނަމަވެސް އެއީ ވަރަށް މަދުންނެވެ. 1981 ވަނަ އަހަރު ފޮރެންސިކް ސައިންސް ދިވެހި ފުލުހުންގެ ތަޙްޤީޤުގައި ބޭނުންކުރަން ފެށިގެން އައި ދުވަސްވަރު މަސްތަވާ ތަކެތި ހުރިކަން ބެލުމަށް، ޔޫރިން ޓެސްޓްކުރުމަށް ބޭނުންކުރަނީ އެންމެ ދެ ޓެސްޓިއުބު ލެއްވޭ "ފޮޓޯ މީޓަރ" ނަމަކަށްކިޔާ މެޝިނެކެވެ. އަދި ފިންގަރ ޕްރިންޓްވެސް ދެނެގަންނަނީ މެނުއަލްކޮށް ބޮޑުވާ ބިއްލޫރި ބޭނުންކޮށްގެންނެވެ. ފިންގަރޕްރިންޓަކީ ޚާއްސަކޮށް ވައްކަމުގެ މައްސަލަތައް ޙައްލުކުރުމުގައި ވަރަށް މުހިންމު ދަޢުރެއް އަދާކުރާ އެއްޗެކެވެ.

ރާއްޖޭގެ ރަށެއްގައި ފިންގަރޕްރިންޓް ބޭނުންކޮށްގެން އެންމެ ފުރަތަމަ ވައްކަމުގެ މައްސަލައެއް ޙައްލުކުރެވިފައިވަނީ 1991 ވަނަ އަހަރު އެވެ. މިއީ ޅ.ކުރެއްދޫ ރިސޯޓްގެ ތިޖޫރީ ފަޅާލައިގެން ގިނަ ޢަދަދެއްގެ ފައިސާތަކެއް ވަގަށްނެގި މައްސަލަ ޙައްލުކުރުމަސް ދިޔަ ޓީމްގައި ހިމެނިގެން އެތަނަށްގޮސް ކުށުގެ ވެށިން ފެނުނު ފުޓް ޕްރިންޓަކީ ކާކުގެ ފުޓް ޕްރިންޓެއްތޯ ބެލުމަށްޓަކައި ދޮލަގެއްގައި ކުލަ އުނގުޅާފައި އެ ދޮލަގު މަތީ ފައި ބަހައްޓުވައިގެންނެވެ. ރިސޯޓްގައި ވަޒީފާ އަދާކުރާ 200 މުވައްޒަފުން ގެނެސް ފަހަރަކު މީހަކު ކުލަ އުގުޅާފައި ދޮލަގަކަށް އަރުވައިގެން އެމީހެއްގެ ފުޓް ޕްރިންޓް އެއްޗަކަށް ނަގައިގެން އެއިން ކޮންމެ ފުޓް ޕްރިންޓެއް ބޮޑުވާ ބިއްލޫރި ބޭނުންކޮށްގެން ، އެއީ ކުށުގެ ވެށިން ފެނުނު ފުޓް ޕްރިންޓް ތޯ އަޅާ ބެލުނެވެ. މިމަސައްކަތް ކުރަމުން ދިޔައިރު ރިސޯޓްގެ މެނޭޖްމަންޓުންވެސް އަދި ތަހްޤީޤަށްދިޔަ ޓީމްގެ މެމްބަރުންވެސް އެއީ ބޭކާރު މަސައްކަތެއް ކަމުގައި ބުނަމުންދިޔައެވެ.
އަދި ކުށުގެ ވެށިން ފެނުނު ފުޓް ޕްރިންޓާ އެއްގޮތް ފުޓް ޕްރިންޓެއް ލިބުމުން އެމީހާއާއި ސުވާލުކުރުމަށް ތަޙްޤީޤްކުރާ އޮފިސަރަށް އެންގުމުންވެސް އެއީ، އެއީ އެއްފަހަރު ސުވާލުކުރެވިފައިވާ މީހެއްކަމާ އެގަޑީގައި އޭނާ އޮތީ ނިދާފަކަމަށް ބުނުއްވިއެވެ. ނަމަވެސް އެންމެ ފަހުން އޭނާ ގެނެސް ސުވާލުތައް ކުރުމުން އޭނާ އެވައްކަންކުރި ކަމަށް އެއްބަސްވެ، ފައިސާތައް ވަޅުލާފައިވާ ތަނުން ނެގުމަށްފަހު އެފައިސާތައް ފުލުހުންނާ ޙަވާލުކުރިއެވެ. މި ފުޓް ޕްރިންޓް ކޮމްޕެއަރ ކުރުމުގެ މަސައްކަތް ކުރައްވާފައިވަނީ މުޙައްމަދު ފަޔާޟް ކުރީގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އެވެ.
ޓެކްނޮލޮޖީގެ ޚިދުމަތް

މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވާ އެއްދާއިރާއަކީ ޓެކްނޮލޮޖީގެ ދާއިރާއެވެ. 1992 ވަނަ އަހަރު ހަތަރު ވަރަކަށް ކޮމްޕިއުޓަރާއެކު، އޭރުގެ އިންފޮމޭޝަން ބިއުރޯ ފުލުހުން އޮފީހުގައި ހައްޔަރުކުރެވޭ މީހުންނާއި ހުށަހެޅޭ މައްސަލަތައް ކޮމްޕިއުޓަރަށް ފީޑް ކުރިނަމަވެސް މިހާރުމިވަނީ މުޅި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ކުރާ ހުރިހާ މަސައްކަތް ކޮމްޕިއުޓަރައިސް ކުރެވިފައެވެ. މީގެ ސަބަބުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށާއި ތަނުގައި މަސައްކަތް ކުރާ ފުލުހުންނަށް އެތަށް ފަސޭހަތަކެއް ލިބިފައިވެއެވެ.
މެރިން ޕޮލިސް އުފެދުން
ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ބޯޓެއްގައި ''Police'' ޖަހައިގެން ކަނޑުމަތީގައި ޙަރަކާތްތަކަށް ނިކުމެފައިވަނީ 1972 ވަނަ އަހަރުގެ މާރޗް މަހުގެ 13 ވަނަ ދުވަހު އިނގިރޭސި ރާނީ ރާއްޖެއަށް ވަޑައިގަތުމުން އެކަމަނާގެ އިސްތިޤްބާލަށެވެ. މިއުޅަނދުގައި ހުދު ދަވާދުލައި ބޮޑު އަކުރުން ''Police'' ޖަހާފައިވެއެވެ. އެއަށްފަހު 1979 ވަނަ އަހަރު ވެރިކަން ބަދަލުވުމަށްފަހު ބޭނުން ކުރަމުން ގެންދިޔައީ ސީމިސް ކިޔާ ލޯންޗްތަކެއްގައި ޕޮލިސް ޖަހައިގެންނެވެ.

އޭގެ ފަހުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށް ކަނދުގެ އުޅަނދުފަހަރު ބައްލަވައިގަނެ ކުދި ލޯންޗް ފަހަރުގައާއި ބޮޑެތި ލޯންޗް ފަހަރުގައި ''Police'' ޖަހައިގެންނާއި ނޭޝަނަލް ސެކިއުރިޓީ ސަރވިސް ޖަހައިގެން އަތޮޅުތަކުގައި ފުލުހުން ކުރަންޖެހޭ ދަތުރުތަކަށް ބޭނުން ކުރަމުން ގެންދެވުނެވެ. ފުލުހުންގެ ޙިދުމަތް އޭރު ދެމުން ގެންދިޔައީ މިނިސްޓްރީ އޮފް ޑިފެންސް ގެ ދަށުން އެއިރު އެން.އެސް.އެސް ގެ ބެލުމުގެ ދަށުންނެވެ. އެދުވަސްވަރަކީ ރާއްޖޭގެ ރަށްތަކުގައި ބަނދަރެއް ހެދިފައިނުވާ ދުވަސްވަރަކަށް ވެފައި ރަށްތަކަށް ގޮސް އެރަށަކަށް ފޭބުމުގައާއި ތަޙްޤީޤްގެ މަސައްކަތްތައް ހިންގުމުގައި ލޯންޗް ފަހަރުގެ ފަޅުވެރިން ވަރަށް ބޮޑެތި ތަކްލީފްތަކެއް އުފުލަމުން ގެންދިޔައެވެ. ބައެއް ޙާލަތްތަކގައި ރަށަކަށް ފައިބާ ފުލުހުންގެ ކެއިން ބުއިމުގެ ކަންތައްތައްވެސް ހަމަޖައްސަން ޖެހެނީ ލޯންޗުން ކައްކައިގެން ކާބޯތަކެތި ރަށަށް ގެންގޮސްގެންނާއި އަނެއްބައި ފަހަރު ފުލުހުންގެ މަސައްކަތް މެދުކަނޑާލުމަށްފަހު ލޯންޗަށް އައިސްގެންނެވެ. އަދި އުޅަނދު ފަޅުން ބޭރުގައި ނަގިލީގައި އަޅައިފައިވާއިރު މޫސުމަށް އަންނަ ބަދަލުތަކުން ދިމާވެދާނެ ނުރައްކާތެރިކަމަކުން އުޅަނދު ސަލާމަތްކުރުމަށްވެސް އެ އުޅަނދުފަހަރުގެ ފަޅުވެރިން ވަރަށް ބޮޑެތި ތަކްލީފްތަކެއް އުފުލަން އޮންނަނީ ޖެހިފައެވެ. ރާއްޖެއަށް އައި ތަރައްޤީއާއެކު ރަށްރަށުގެ ބަނދަރުތައް ހެދި ފަޅުތަކަށް ވަދެވޭގޮތްވުމުން ވަރަށް ބޮޑު ފަސޭހަތަކެއް ފުލުހުންނަށް ލިބިގެން ދިޔަކަން ފާހަގަކުރެވެއެވެ.
ދޫނިދޫގައި ފުލުހުން ތިބެން ފެށިގެން އައިގޮތް

ދޫނިދޫގައި އެންމެ ފުރަތަމަ ސިފައިން ތިބެންފެށީ 1943 ވަނަ އަހަރު އިނގިރޭސިން ވަޔަރލެސް ސްޓޭޝަނެއް ބެހެއްޓުމާއި ގުޅިގެން އެތާރީޚުން ފެށިގެންނެވެ. ދޫނިދޫގައި އެކިފަހަރު މަތިން ސިފައިން ތިބެމުން އައިސް ދާއިމީކޮށް ސިފައިން ތިބެންފެށީ ރާއްޖެއަށް ކުލީ ސިފައިން ގެނައި ބަޣާވާތުގައި ހައްޔަރު ކުރި މީހުން ބެލެހެއްޓުމަށް އައި ސިފައިންގެ މީހުން އައި ތާރީޚުން ފެށިގެންނެވެ. އޭރު ސަރުދާރުންގެ ގޮތުގައި ތިއްބެވީ ކޯޕްރަލް އާދަމް އިބްރާހިމް އާއި ލ.ކޯޕްރަލް ޢަބްދުއްލަތީފް މުހައްމަދެވެ. އޭރު ދޫނިދޫގެ މަސައްކަތްތައް ހިގަމުންދަނީ ޑިއުޓީ ސެކްޝަންގެ ދަށުން އެތާގައި ހުންނަވާ އޮފިސަރެއްގެ މަޝްވަރާގެ މަތިންނެވެ. ދޫނިދޫ މަސައްކަތްތައް ޑިއުޓީ ސެކްޝަނުން ބަލަހައްޓަމުން ގެންދެވިއިރުވެސް ދޫނިދޫ ހިގަމުންދަނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ދަށުންނެވެ.

ސިފައިން ގެ ބެލުމުގެދަށުން ދޫނިދޫ އެން.އެސް.އެސް ހިނގަމުން ދިޔަ ނަމަވެސް 1992 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ދޫނިދޫ އެން.އެސް.އެސްގެ ނަން ދޫނިދޫ ޑިޓެންޝަން ޔުނިޓްގެ ނަމަށް ބަދަލުކުރެވުނެވެ. މިބަދަލާއެކު ދޫނިދޫ ގެ ފުރަތަމަ އޮފިސަރ ކޮމާންޑިންގ އަކަށް ލެފްޓިނަންޓް މުޙައްމަދު ޞާދިޤް ހަމަޖެއްސެވިއެވެ. އަދި އޮފިސަރ ކޮމާންޑިންގ ގެ އެހީތެރިއަކަށް ވޮރަންޓް އޮފިސަރ ގްރޭޑް 2 އިބްރާހިމް ހަލީލް ހަމަޖެއްސެވިއެވެ. ނަމަވެސް މިހާރު މިކިޔާ އެންސީއޯ އިންޗާޖް މިމަޤާމްގައި އެންމެ ފުރަތަމަ ދޫނިދޫގައި ހުންނެވީ ވޮރަންޓް އޮފިސަރ ގްރޭޑް 2 ސުލެއިމާން މަޙްމޫދެވެ.
ދޫނިދޫ ޑިޓެންޝަން ޔުނިޓް ޕޮލިސް ހެޑްކްއޯޓަރޒްގެ ދަށަށް ބަދަލުވެގެން ދިއުމާއެކު އެންމެ ފުރަތަމަ އެޔުނިޓްގެ އޯއައިސީ އަކަށް ހުންނެވީ މޭޖަރ ޢަބްދުއްޝަކޫރު ޢަބްދުﷲ އެވެ. ޓޫއައިސީއަކަށް ހުންނެވީ ލެފްޓިނެންޓް ހުސައިން ޝާކިރު އެވެ. މިކަން ހަމަޖެހިފައިވަނީ 10 ފެބުރުއަރީ 1993 ގައެވެ. 2004 ސެޕްޓެމްބަރ 01 ވަނަ ދުވަހު ސިފައިންނާއި ފުލުހުން ވަކިވެ ދެމުއައްސަސާއަކަށް ބަދަލުވުމުން، ޑިޓެންޝަން ޑިޕާރޓްމަންޓްގެ ނަމުގައި ޑިޕާރޓްމަންޓެއް އުފެއްދުމަށްފަހު އެޑިޕާރޓްމަންޓްގެ ދަށުން ހިނގާ ސަބް ޔުނިޓެއްގެ ގޮތުގައި މާލޭ ޑިޓެންޝަން ، ދޫނިދޫ ޑިޓެންޝަން ހަމަޖެހުނެވެ. ދޫނިދޫ ޑިޓެންޝަން ގެ ނަން ދޫނިދޫ ކަސްޓޯޑިއަލް ގެ ނަމަށް ބަދަލުކޮށްފައިވަނީ 21 އެޕްރީލް 2006 ވަނަ އަހަރު ޕޮލިސް ސަރވިސްގެ ޑިޕާރޓްމަންޓްތަކުގެ ނަންތަކަށް ގެނައި ބަދަލާއި ގުޅިގެން ، ޑިޓެންޝަން ޑިޕާރޓްމަންޓްގެ ނަން ޕޮލިސް ކަސްޓޯޑިއަލް ޑިޕާރޓްމަންޓްގެ ނަމަށް ބަދަލުވުމާއި ގުޅިގެންނެވެ.

ކުރިން ދޫނިދޫގައި ޑިއުޓީ އަދަކުރަމުން އައީ 04 ޕްރައިވެޓުންނާއި އެއް އެން.ސީ.އޯ އާއެކު ޖުމްލަ 5 މީހުންގެ ދެ ޝިފްޓެވެ. 24 ގަޑިއިރު ޑިއުޓީ ޝިފްޓް ބަދަލުވާގޮތަށެވެ. ހައްޔަރުކުރެވޭ މީހުން ގިނަވެ ކުރަންޖެހޭ މަސައްކަތް އިތުރުވި ވަރަކަށް ސިފައިންވެސް އައީ އިތުރުވަމުންނެވެ. އަދި ދޫނިދޫ އަކީ ސެކްޝަން ޔުނިޓްތަކުގައި މައްސަލަޖެހޭ ސިފައިން ރަށުބަންދު ކުރަ ރަށަކަށްވާތީ އެދުވަސް ވަރު ގިނަ އަދަދަކަސް ރަށު ބަންދު ކުރެވިފައިވާ ސިފައިން މަސައްކަތް ކުރަމުން ގޮސްފައިވެއެވެ. ދޫނިދޫގައި ސިފައިން ރަށު ބަންދު ކުރުން މަނާކޮށްފައިވަނީ 2000 ވަނަ އަހަރުގައެވެ. ޕޮލިސް ހެޑްކުއޯޓާރޒްގައި މަސައްކަތް ކުރި އަންހެން ސިފައިންގެ ތެރެއިން ތަފާތު މައްސަލަތައް ޖެހިގެން ދޫނިދޫއަށް ވަގުތީ ގޮތުން ބަދަލުކޮށްގެން ރަށު ބަންދުގައި ދެ އަންހެން ސިފައިން މަސައްކަތް ކޮށްފައިވެއެވެ. ދޫނިދޫ ޑިޓެންޝަން ޔުނިޓްގައި ރަސްމީކޮށް މަސައްކަތްކުރުމަށް އޯ.ސީއެސް އިން އަންހެން ފުލުހުން ހަމަޖައްސަވާފައިވަނީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ފުރަތަމަ ހަމަޖެއްސެވި ދެ އަންހެން ސިފައިންނަކީ ޕްރައިވެޓް އައިމިނަތު ޝިފާނާ (ސ.ނަމްބަރ 3721) އާއި ޕްރައިވެޓް ފާތުމަތު ނުޝްރަތު (ސ.ނ 3990) އެވެ.
މިހާރު ދޫނިދޫ އަކީ ދޫނިދޫ ކަސްޓޯޑިއަލް ޔުނިޓާއި މެރިން ޕޮލިސް ޑިޕާރޓްމަންޓާއި ޕޮލިސް އާމަރީގެ ޔުނިޓް އަދި ދޫނިދޫ ޔޫޓްލިޓީސް ޔުނިޓް ހިނގަމުން އަންނަ ރަށެވެ. މިހާރު ދޫނިދޫ ކަސްޓޯޑިއަލް އަކީ ގިނަ ޢަދަދެއްގެ ފުލުހުން މަސައްކަތް ކުރާ ޔުނިޓެކެވެ. އަދި މަސައްކަތް ކުރަންތިބި ފުލުހުންނަކީ ޒަމާނާ އެއްގޮތަށް ޓްރޭނިންގ ލިބިފައިވާ ފުލުހުންނެވެ. އަދި މަސައްކަތްތައް ބަހާލެވިގެން ދުވަހުން ދުވަހަށް މަސައްކަތްތައް ރޭވިފައިވާ ޔުނިޓެކެވެ.
ދޫނިދޫގައި މީހުން ހައްޔަރުކުރަން ފެށިގެން އައިގޮތް

ދިވެހި ތާރީހީ ފަތްފުށްތަކުން އެނގެން އޮތް ގޮތުގައި އެންމެފުރަތަމަ ދޫނިދޫގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އަލްއަމީރު މުޙައްމަދު އަމީން ދީދީ އެވެ. އެއީ 31 އޯގަސްޓް 1953 ވަނަ އަހަރުގައެވެ. މިތާރީޚުން ފެށިގެން އެކިދުވަސްވަރުގައި ދޫނިދޫގައި މީހުން ހައްޔަރު ކޮށްފައިވާކަމަށް ވެއެވެ. ނަމަވެސް އޭގެ ދުވަސްތަކެއް ފަހުން ދޫނިދޫއަކީ ކުށްވެރިންނާއި ސަރުކާރުގެ ބައެއް ބޭބޭފުޅުން ހައްޔަރު ކުރަމުން ގެންދާ ސިފައިންގެ އެއް ޖަލުކަމުގައި ސަރުކާރުން ހަމަޖެއްސެވިއެވެ.
ދޫނިދޫގައި ބޮޑެތި މައްސަލަތަކުގައި މީހުން ހައްޔަރުކުރަން ފެށުން

ރާއްޖެއާއި ދެކޮޅަށް ބަޣާވާތްކުރަން ކުލީ ސިފައިން ގެނެސް ހަތިޔާރު އެތެރެކޮށް ނާކަމިޔާބުވީ، ބަޣާވާތުގެ ބައިވެރިވި މީހުންނަށް ހުކުމްކޮށްފައި ބައިތިއްބާފައި ތިބީ ދޫނިދޫގައެވެ. މިކަމަށް، ބަޑި ބުރާސްފައްޗޭވެސް ކިޔައެވެ. 03 ނޮވެމްބަރ 1988 ގެ އުދުވާނީ ހަމަލާގައި ބައިވެރިވި ދިވެހިން ތަޙްޤީޤްގެ މަރުހަލާގައި ދޫނިދޫގައި ހައްޔަރުކޮށްގެން ތަޙްޤީޤް ކުރެވުނެވެ. މި ފަހަކަށް އައިސް ރާއްޖޭގައި ހިނގައިފައިވާ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން ހައްޔަރުކޮށްގެން ތަޙްޤީޤްތައް ކުރެވެމުންދަނީ ދޫނިދޫގައެވެ. މިހާރު ދޫނިދޫ ކަސްޓޯޑިއަލް އަކީ ޕޮލިސް ސަރވިސްގެ ތަޙްޤީޤް މަރުހަލާގައި މީހުން ބަންދުކުރާ ޔުނިޓެކެވެ. ކުރީގައި ހައްޔަރު ކުރެވޭ މީހުންގެ ރެކޯރޑް ބަލަހައްޓަމުން އައީ ލޮގް ފޮތެއްގައި ނޯޓްކޮށްގެންނެވެ. ނަމަވެސް މިހާރު ޒަމާނަށްއައި ކުރިއެރުމާއެކު އެރެސްޓޤ ސްޓޭޝަނެއް ޤާއިމް ކުރެވި ކޮމްޕިއުޓަރ ސިސްޓަމް އިން ހައްޔަރު ކުރެވޭ މީހުންނަށް ޙާއްސަކޮށް ތައްޔާރުކޮށްފައިވާ ޕްރޮގުރާމް އެއް ބޭނުންކޮށްގެން ރެކޯރޑްސް ބެލެހެއްޓެއެވެ.
ފުލުހުންގެ ތަމްރީނުތަކުގެ ފެށުން

1979 ވަނަ އަހަރު ފެށުނުއިރު ފުލުހުންގެ ތެރޭގައި މަތީ ތަޢުލީމު ޢާއްމުވެފައި ނެތް ނަމަވެސް މިއަދު ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވަނީ ޒަމާނުގެ ތަޢުލީމް ލިބިފައިވާ މީހުންނެވެ. ތަފާތު ދާއިރާތަކުން ގްރެޖުއޭޓްވެފައިވާ ވަރަށް ގިނަ މީހުން މިއަދު ފުލުސް އޮފީހުގައި މަސައްކަތް ކުރައްވާކަން ފާހަގަ ކުރަމެވެ. މިގޮތުން ތަފާތު އެކިއެކި ދާއިރާތަކުން މާސްޓާރސް ހައްދަވައިގެން ތިއްބެވި 14 އަށްވުރެ ގިނަ ފުލުހުން މިއަދު ފުލުހުންގެ ތެރޭގައި ޚިދުމަތް ކުރައްވައެވެ.
ފުލުހުންނަށްދެވޭ ތަމްރީންތަކުގެ ފެށުމަކީ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރައްވާ ފުލުހުންނަށް ދޭންފެށި އިންސަރވިސް ތަމްރީން ޕްރޮގުރާމްތަކެކެވެ. މިގޮތުން 1992 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ވެސްޓް ޔޯކްޝަޔަރ އިންސްޓްރަކްޓަރެއް ކަމަށްވާ މރ.ޑޭވިޑް ޕްރައިސް މާލެ ވަޑައިގެން ފުލުހުންނަށް ދެއްވި ތަމްރީންތަކެކެވެ. މީނަ ވަނީ ދެފަހަރެއްގެ މަތިން ރާއްޖެވަޑައިގެން ފުލުހުންގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައެވެ.
ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ސީރީސް ފެށުން

މިހާރު ފުލުހުންނަށް ދެވެމުންދާ ޕޮލިސް އަސާސީ ތަމްރީން ކޯހުގެ ސީރީސް ފެށިފައިވަނީ 1998 ވަނަ އަހަރުން ފެށިގެންނެވެ. 1998 ވަނަ އަހަރުގެ ތެރޭގައި ފުލުހުންގެ ބޭސިކް ކޯހުގައި ކިޔަވައިދޭނެ ސިލަބަހެއް ތައްޔާރު ކުރެވި ގާމާދޫގައި ވަރަށް ދަތި ގޮތަކަށް ތަމްރީން ދެވެން ފެށުނަސް ފުލުހުންގެ ބޭސިކް ކޯހުގެ ފުރަތަމަ ނަމަކަށް ކިޔާފައިވަނީ ޕޮލިސް ބޭސިކް ކޯސް 1 މިނަމެވެ. މިކޯހަށް ކުދިން ހޮވުމުގައި ބަލާފައިވަނީ ފުލުހުންގެ ގޮތުގައި 1 އަހަރު މަސައްކަތް ކޮށްފައިވާ މީހުންނެވެ. މިފަދަ ގޮތަކަށް ފެށިގެން އައި މިކޯސް މިއަދު މިވަނީ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑް ޤަބޫލުކުރާ ސެޓްފިކެޓް ލެވެލް 2 ގެ ސަނަދަކަށް ބަދަލު ވެފައެވެ.
ފޮލިސް ހެޑްކްއޯރޓާޒް ސިފައިންގެ މައިމަރުކަޒުން ބޭރަށް ބަދަލުކުރެއްވުން

1988 ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާއަށްފަހު ސައިފައިންގެ މައިމަރުކަޒުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިންނާއި އަދި ފުލުސް އޮފީހަކީ، މީހުންނަށް ފަސޭހަކަމާއިއެކު ޙިދުމަތް ދެވޭފަދަ ފަސޭހަ ވެއްޓެއް އޮތް ތަނަކަށް ހެދުމަށްޓަކައި ސިފައިންގެ މައިމަރުކަޒާއި ޕޮލިސް ހެޑްކުއޯރޓާޒް ވަކިކުރުމަށް ކުރެވުނު މަސައްކަތުން 1996 ވަނަ އަހަރުގެ ކުރީކޮޅު އޭރުގެ މޭނާ ބިލްޑިންގއާއި އޭގެ އުތުރަށް ހުރި ފާށަނާ ބިލްޑިންގގެ ހުޅަނގުކޮޅުގައި ހުރި އެއާރ މޯލްޑިވްސް ހިންގިބައި ނަގައި،11 ނޮވެމްބަރ 1996ގައި ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ބިންގާ އެޅި ޢިމާރާތްކުރަންފެށުނެވެ.
ޕޮލިސް ހެޑްކުއޯޓާރޒް ޤާއިމް ކުރުން

ބަނޑޭރިގޭ އިރުން އޭރު ހުރި މެރިން ޑިޕާރޓްމަންޓްގެ މެކޭނިކަލް ޓްރާންސްޕޯރޓްގެ ގަރާޖް ހުސްކުރައްވައިގެން އެބިމުގައި ދެބުރި ޢިމާރާތެއް އެޅުމަށްފަހު 1985 ޖެނުއަރީ 01 ވަނަ ދުވަހު ފުލުހުންގެ މަސައްކަތްތައް މިޢިމާރާތަށް ބަދަލުކުރެވުނެވެ. ފުލުހުންނަށް ފުރަތަމަ ލިބުނު ޢިމާރާތަކީ މިއެވެ.
ފުލުހުންގެ މަސައްކަތްތައް ފުޅާވަމުން ދިޔަ މިންވަރުން ކުރިންދެންނެވި ޢިމާރާތުގައި ފުލުސް އޮފީސް ހިންގުން ދަތިވެގެން މޭނާ ބިލްޑިންގ ހުރި ބިމުގައި ޕޮލިސް ހެޑްކުއޯޓާރޒް ހިންގުމަށް އެބިމުގެ ބޮޑުމިނުގައި އިމާރާތެއް (ޝަހީދު ހުސައިން އާދަމް ބިލްޑިންގ) ކުރެވުނެވެ. އެއިމާރާތަށް ޕޮލިސް ހެޑްކުއޯޓާރޒް ބަދަލުކުރީ 1999 ވަނަ އަހަރު އޭޕްރީލް 21 ވަނަ ދުވަހު އެވެ. މި ޢިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ސިފައިންގެ ވެރިޔާގެ ނައިބު މޭޖަރ ޖެނެރަލް ޢަންބަރީ ޢަބްދުއްސައްތާރު އެވެ. ޝަހީދު ހުސައިން އާދަމް ބިލްޑިންގ އިމާރާތުގައި ރަސްމީކޮށް ފުލުހުންގެ މަސައްކަތް ފެށިފައިވަނީ 1999 މެއި 02 ވީ އާދިއްތަ ދުވަހުގެ ހެނދުނު 07:30 ގައި ޞަލަވާތްފުޅުގެ ބަރަކާތުންނެވެ. މަސައްކަތް ފައްޓަވައިދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ބްރިގޭޑިއަރ އާދަމް ޒާހިރު އެވެ.
އެހެން ނަމަވެސް ފުލުހުންގެ ޚިދުމަތް ވަކި މުޢައްސަސާއަކަށް ބަދަލު ވެއްޖައުމަށް ދާންދެން މިޢިމާރާތް ބޭނުންކުރީ ސިފައިންނާއި ފުލުހުންނެވެ. އެ އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް ޢިމަރާތަކަށް ވުމުގެ ނަތީޖާއަކީ، ދިވެހި ފުލުހުންގެ އިދާރީ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެން ދިއުމެވެ. ހަމައެއާއެކު މާލޭގެ ހަތަރު އަވަށުގައި ހަތަރު ވިލީ ފުލުސް ޢިމާރާތްކުރެވި އެތަންތާނގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދެވެން ފެއްޓުމެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މަޤާމް އުފެއްދުން

ފުލުހުންގެ ދިގު މާޒީއަށް ނަޒަރު ހިންގާލާއިރު ''ކޮމިޝަނަރ އޮފް ޕޮލިސް'' މި ނަމުގައި 1996 ޖެނުއަރީ 06 ވަނަ ދުވަހު މިމަޤާމް އުފައްދަވައި އެންމެ ފުރަތަމަ މިމަޤާމް ފުރުއްވާފައިވާ ބޭފުޅަކީ ޕޮލިސް ހެޑްކްއޯޓަރޒްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމްގައި ހުންނެވި ބްރިގޭޑިއަރ އާދަމް ޒާހިރުއެވެ. އަދި މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ކޮމިޝަނަރ އޮފް ޕޮލިސް ގެ މަޤާމް ފުރުއްވި ބޭފުޅާއެވެ.
ސިފައިންނާއި ފުލުހުން ވަކި ދެ މުއައްސަސާއެއްގެ ގޮތުގައި ހަމަޖެއްސުން

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ މަޤާމްގައި އޭރު ހުންނެވި އަލްއުސްތާޛު މަޢުމޫން އަބްދުލްޤައްޔޫމްގެ އިސްލާހީ އެޖެންޑާގެ ދަށުން ، ޤާނޫނާއި ޤަވާއިދުތައް ތަންފީޒުކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އެޅުއްވި ފިޔަވަޅެއްގެ ގޮތުން، 2004 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް ބޭއްވި ޖަލްސާގެ ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުން، ފުލުހުންނަކީ މަދަނީ ބައެއްގެ ގޮތުގައި ހަމަޖައްސަވަން ނިންމަވާފައިވާކަން، އެމަނިކުފާނު ޢިޢުލާން ކުރެއްވިއެވެ. ސަރުކާރުން މިނިންމެވި ނިންމެވުމާއި ގުޅިގެން، ސިފައިންނާއި ފުލުހުން ވަކިވުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ދެފަރާތުން ގުޅިގެން ވަރަށް އަވަހަށް ފެށުނެވެ.
ސިފައިންނާއި ފުލުހުން ވަކި މުއައްސަސާއެއްގެ ގޮތުގައި ރަސްމީގޮތުން ހަމަޖެހި 2004 ސެޕްޓެންބަރު 01 ވަނަ ދުވަހު ބޭއްވުނު ހާއްޞަ ރަސްމިއްޔާތެއްގައި ފުލުހުންގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙު ކޮށްދެއްވިއެވެ. އެރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒަށް ފުލުހުންގެ ދިދަ ނަގައި، ފުލުހުންގެ ޔުނީފޯމްވެސް ތަޢާރަފްކުރެވުނެވެ.