ކޮމިޝަނަރ

 

 

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގަތީ 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ކޮމިޝަނަރ ޢަލީ ޝުޖާއު ފުލުހުންގެ ޚިދުމަތާއި ގުޅިވަޑައިގަތުމުގެ ކުރިން ދިވެހި ސަރުކާރަށް 8 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވެއެވެ.


ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޭންކުތަކުގެ ތެރެއިން ކޮމިޝަންޑް ރޭންކަށް ކޮމިޝަނަރ އަލީ ޝުޖާއު އިސްކުރެވުނީ 2008 ވަނަ އަހަރުއެވެ. އެއަށްފަހު ފުލުހުންގެ ތަމްރީން، އޮޕަރޭޝަންސް، އިންޓެލިޖެންސް، އަދި އިންވެސްޓިގޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ލީޑަރޝިޕް އަދި މެނޭޖްމަންޓް މަގާމުތައް ފުރުއްވާފައިވެއެވެ. މީގެއިތުރުންވެސް ކޮމިޝަނަރ އަލީ ޝުޖާއު ވަނީ ގައުމީ ފެންވަރުގައި އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ގިނަ ޕްރޮފެޝަނަލް ފޯރަމްތަކެއްގައި ދިވެހިރާއްޖޭގެ ސަރުކާރާއި ފުލުހުންގެ ޚިދުމަތް ތަމްސީލު ކުރައްވާފައެވެ.


ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ކޮމިޝަނަރގެ މަގާމަށް އައްޔަން ކުރެއްވީ 2023 ޑިސެމްބަރު 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.


ތައުލީމާއި ތަމްރީނުގެ ރޮނގުން ކޮމިޝަނަރ އަލީ ޝުޖާއު ވަނީ މެލޭޝިޔާއިން މެނޭޖްމަންޓުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އިންޑިއާއިން ހިސާބު، ފިޒިކްސް، އަދި ކެމިސްޓްރީގެ ދާއިރާއިން ބެޗްލަރ އޮފް ސައިންސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.


މީގެއިތުރުން ކޮމިޝަނަރ ޢަލީ ސުޖާއު ވަނީ ފުލުހުންގެ އެކި ދާއިރާތަކާ ގުޅުންހުރި ތަފާތު އެކި ޕްރޮގްރާމްތައް ފުރިހަމަކުރައްވައި، އެކި ގައުމުތަކުން ޕްރޮފެޝަނަލް ސެޓްފިކެޓްތައް ހާސިލުކުރައްވާފައެވެ. މިގޮތުން ފުރިހަމަކުރައްވާފައިވާ ޕްރޮގްރާމްތަކާއި ތަމްރީނުތަކުގެ ތެރޭގައި 2006 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާއި ހަމައަށް އިންޑިއާގެ ހައިދަރުއާބާދުގެ ސަރްދާރު ވައްލަބައީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީގައި ހިންގި އިންޑިއަން ޕޮލިސް ސާވިސް ޕްރޮބޭޝަނަރސް ކޯސް، 2010 ވަނަ އަހަރު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އެންޑް އާރްއެމްއައިޓީ އިން ވިއެޓްނާމުގައި ހިންގި އޭޝިއާ ރީޖަނަލް ލޯ އެންފޯސްމަންޓް މެނޭޖްމަންޓް ޕްރޮގްރާމް، 2014 ވަނަ އަހަރު އެމެރިކާގެ ހަވާއީގައި ހިންގި އޭޝިއާ ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީޒްއިން އެޑްވާންސްޑް ސެކިއުރިޓީ ކޯޕަރޭޝަން ޕްރޮގްރާމް، 2016 ވަނަ އަހަރު މެލޭޝިއާގެ ކުއަލަލަމްޕޫރުގެ ރޯޔަލް މެލޭޝިއާ ޕޮލިސް ކޮލެޖުން ހިންގި 42 ވަނަ އިންޓަރނޭޝަނަލް ސީނިއަރ ޕޮލިސް އޮފިސަރސް ކޮމާންޑް ކޯސް އަދި 2019 ވަނަ އަހަރު އެމެރިކާގެ ކުއަންޓިކޯގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް ނޭޝަނަލް އެކަޑަމީގެ 277 ވަނަ ސެޝަން ހިމެނެއެވެ.


ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގެ އިތުރުން ފުލުހުންގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް އަދި އިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯ - މާލޭގެ އެންމެ އިސް ފަރާތަކީވެސް ކޮމިޝަނަރ ޢަލީ ޝުޖާޢުއެވެ.