ވައްކަން

 

ވައްކަން

 

ތިރީގައިވާ އެއްވެސް ހާލަތެއް މެދުވެރިވެފައިވާނަމަ ލަސްނުކުރައްވާ ޕޮލިސް އިމަޖެންސީ 119 އަށް ގުޅުއްވާށެވެ.

- ގެ, އޮފީސް ނުވަތަ ވިޔަފާރި ކުރާ ތަނެއްގައި މުދަލަށް ގެއްލުންދީ ހާވާފައި ހުރުން

- ވަންނަ ދޮރަށް ނުވަތަ ކުޑަ ދޮރަަކަށް ގެއްލުން ދީފައި ހުރުން

- ތަނަށް ކަމާއި ނުބެހޭ މީހަކު ވަދެފައިވާ ކަމަށް ބެލެވޭނެ ސަބަބުތަކެއް ފާހަގަ ކުރެވުން

- ތަނުގައި އުޅޭ މީހުން ފިޔަވައި އެހެން މީހަކު ތަނުގެ ތެރޭގައި ހުރުން

 

ވައްކަމުގެ މައްސަލައެއް ދިމާވެއްޖެނަމަ ހަދާނީ ކިހިނެތް؟

ވައްކަމުގެ އަމަލެއްގެ ޝިކާރައަކަށް ކޮންމެ މީހަކުވެސް ނުވަތަ ތަނެއްވެސް ވެދާނެއެވެ. ފުލުހުންނަށް އެންމެ ގިނައިން ހުށަހެޅޭ މައްސަލަތަކަކީ ވައްކަމުގެ މައްސަލަތަކެވެ. ވަގަށް ނަގައިގެން ރިޕޯޓް ކުރެވޭ ތަކެތީގެ ތެރޭގައި ތިރީގައި ތަކެއްޗަކީ އެންމެ ގިނައިން ހިމެނޭ ބާވަތްތަކެވެ.

- ފައިސާ

- އިލެކްޓްރޯނިކް ވަސީލަތްތައް

- އެއްގަމު އުޅަނދު

- ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެތި

- ރަން ރިހީގެ ގަހަނާ

- ވަޔަރު ނަރު

 

ވައްކަމުގެ އަމަލުތަކަކީ މުދަލުގެ ވެރިފަރާތް ނެތި ނުވަތަ ވެރިފަރާތަށް ނޭނގި ހިންގާ އަމަލުތަކެކެވެ. ވައްކަމުގެ އަމަލެއް ހިންގުމުގެ ތެރޭގައި އެކަން ކުރި ބަޔަކު ހޯދުމަށް ނުވަތަ ދެނެގަތުމަށް ބޭނުންވާނެ ހެކިތައް ދޫކުރެއެވެ. އެހެންކަމުން ވައްކަމުގެ މައްސަލައެއް ދިމާވެއްޖެނަމަ ތިރީގައިވާ ކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

 - ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެންގުން

 - އެއްވެސް ބޭނުމަކު ވައްކަން ކޮށްފައިވާ ތަނުގެ ތެރެއަށް ވަދެ އެއްޗެހީގައި އަތްލާ ނެހެދުން

 

ފުލުހުންނަށް ބޭނުންވާނެ މައުލޫމާތު

 ވައްކަމުގެ މައްސަލަތައް ތަހްގީގު ކުރުމުގައި ފުލުހުން ތިރީގައިވާ މައުލޫމާތު ހޯދާނެއެވެ.

- ތަނުގައި އުޅޭ މީހުންގެ މައުލޫމާތު

- އެންމެ ފަހުން އެތަނަކަށް ވަތް މީހާ/މީހުންގެ މައުލޫމާތު

- ހުށަހަޅާ ފަރާތުގެ ބަޔާން

- ވަގަށް ނެގި ތަކެތީގެ މައުލޫމާތު

- ސީސީޓީވީ ފުޓޭޖް

 

މީގެ އިތުރުންވެސް ވައްކަމެއް ކުރުމަށް ބަޔަކު ތަނަކަށްވަދެ އެތަނެއްގައި ހުރި އެއްޗެހި ހާވާ އަދި އެތަނަަކަށް ގެއްލުން ދީފައިވާނަމަ ތިރީގައިވާ ކަންކަން ފުލުހުން ކުރުމަކީ އެކަށީގެންވާކަމެކެވެ.

- ތަނުގެ އެތެރެ ފޮޓޯ ނެގުން

- ފިންގަރޕްރިންޓް ނެގުން

- ތަންތަން ހަލާކު ކުރުމަށް ބޭނުންކޮށްފައިވާ ތަކެތި ހޯދުން

- ތަނުގައި އުޅޭ މީހުންގެ ފިންގަރޕްރިންޓް ނެގުން

 

ތަހްގީގުން ނުކުމެދާނެ ނަތީޖާތައް

ވައްކަމުގެ މައްސަލައެއް ހުށަހެޅުމުން ފުލުހުންގެ އެންމެ ބޮޑު އަމާޒަކަށްވާނީ ގެއްލުނު ތަކެތި ހޯދައި ދިނުމެވެ. ނަމަވެސް މިއީ ބައެއް ހާލަތްތަކުގައި ކުރަން އުނދަގޫ ކަމެކެވެ. އާއްމު ގޮތެއްގައި ގެއްލުނު ތަކެތި ހޯދުމުގައި ގެއްލުނު ތަކެތީގެ ބާވަތާއި ހާދިސާ ހިނގިފަހުން ހޭދަވި ވަގުތު މުހިންމު ދައުރެއް އަދާކުރެއެވެ. މިސާލަކަށް ފައިސާ ގެއްލުނު ފަހުން ގިނަ ދުވަސްތަކެއް ވެފައިވާނަމަ އެފައިސާ ހޯދުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. ނަމަވެސް ފައިސާވެސް ގެއްލުނުފަހުން ގިނަ އިރު ނުވާ ނަމަ ހޯދުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ވައްކަމުގެ މައްސަލައެއް ކުރިމަތިވެއްޖެނަމަ ލަސް ނުކުރައްވާ ފުލުހުންނަށް އަންގަވާށެވެ. ހާދިސާ ހިނގިފަހުން ވަގުތުތަކެއް ހިނގި ނަމަވެސް ނުވަތަ ހާދިސާ ހިނގި ވަކި ދުވަހެއް ނުވަތަ ވަގުތެއް ނޭނގުނު ނަމަވެސް މައްސަލަ ހުށަހަޅުއްވަން ސަމާލުކަން ދެއްވާށެވެ. ބައެއް ފަހަރު ވަގަށް ނަގާފައިވާ ތަކެތީގެ ގޮތުގައި އަތުލެވޭ ތަކެތީގެ ވެރިފަރާތް ނޭނގިގެން އެތަކެތި ހަވާލު ނުކުރެވޭ ހާލަތްތައްވެސް ދިމާވެއެވެ. އެހެންކަމުން ގެއްލުނު ތަކެތީގެ ތަފްސީލާއި އެކު ރިޕޯޓް ކުރައްވާށެވެ. މާފަހުގެ ތާރީހެއްގައިވެސް ތަކެތި ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

 

ރިޕޯޓް ކުރައްވާނެ ގޮތް

ޕޮލިސް ނޮން އިމަޖެންސީ 3322111 

ޕޮލިސް އިމަޖެންސީ 119